ބާސެލޯނާއަށް ކުޅެމުން އަންނަ އުސްމާން ޑެމްބެލޭގެ އަނިޔާއާއެކު ބާސެލޯނާއަށް އިތުރު ހާސްކަން ކުރިމަތިވެއްޖެއެވެ.
އަނިޔާއަށްފަހު ޓީމު ފަރިތަކުރުންތަކުގައި ޑެމްބެލޭ ބައިވެރިވާން ފައްޓާފައިވަނީ މީގެ ހަފްތާއެއް ކުރިންނެވެ. އެހެންނަމަވެސް މިދިޔަ ހޯމަދުވަހުގެ ފަރިތަކުރުމުގެ ތެރެއިން އޭނާއަށް ފަރިތަކުރުންތަށް ދޫކޮށްދާން މަޖުބޫރުވެފައިވަނީ ކުރިން ލިބުނު އަނިޔާއަދިވެސް އެއްކޮށް ރަނގަޅުނުވާތީއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑޯޓުމުންޑާއި ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ޑެމްބެލޭ އެމެޗުގެ ފުރަތަމަ ހާފުގައި ބަދަލުކޮށްފައިވާއިރު، އޭނާއަށްވަނީ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހިފައެވެ.
LATEST NEWS | During this morning’s training session, Ousmane Dembélé felt some discomfort in his right leg as a consequence of muscle fatigue. He will continue with his rehabilitation. pic.twitter.com/rlK7IgHoGb
— FC Barcelona (from ?) (@FCBarcelona) February 3, 2020
އަނިޔާގެ މައްސަލަތައް ބާސެލޯނާއަށް މިސީޒަންގައި ދިމާވެފައިވާއިރު، ލުއިސް ސުއަރޭޒް ދާދިފަހުންކުރި ކަކުލުގެ އޮޕަރޭޝަނާއެކު އޭނާއަށް މިސީޒަންގެ ބާކީބައި ނުކުޅެވޭނެއެވެ. އެހެންކަމުން ކުރިއަށް ކުޅޭނެ ރަނގަޅު ކުޅުންތެރިންނަށް ބާސެލޯނާ ބޭނުންވެފައި މިދަނޑިވަޅުގައި ޑެމްބެލޭ އަދިވެސް އަނިޔާއިން ރަނގަޅުވެފައި ނުވުމަކީ ބާސެލޯނާއަށް މިވަގުތު ދިމާވި އިތުރު ހާސްކަމަކެވެ.
މިވަގުތު ބާސެލޯނާގެ ކުރިއަށް ކުޅެން ހުރީ ސީނިއާރ އެންމެ ދެކުޅުންތެރިންނެވެ. އެއީ މެސީއާއި ގްރިޒްމަންއެވެ.
ކުރިއަށް މެޗުގައި ބާސެލޯނާ ނުކުންނާނީ އެތުލެޓިކް ބިލްބާއޯއާއި ދެކޮޅަށެވެ. ކޮޕަޑެލްރޭ ކުއާޓާރ ފައިނަލްގެ އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 01:00 ގައެވެ.



