ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ވަރުގަދަ ލިވަޕޫލްއާއި ދެކޮޅަށް މިމަހުގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑުން ނުކުންނައިރު، އަނިޔާގެ މައްސަލަތައް ކުރިމަތިވެ، އެމެޗުގައި ކުޅޭނެ ސީނިއާ ފޯވާޑެއް ނެތްކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
އެތުލެޓިކޯގެ ކުރިއަށް ކުޅެމުން އަންނަ ޑިއޭގޯ ކޯސްޓާއަށާއި ޔާއޯ ފޭލިކްސްއަށް އަނިޔާވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޑްރިޑް ޑާބީގައި އަލްވާރޯ މޮރާޓާއަށްވެސް ވަނީ އަނިޔާވެފައެވެ.
ވާދަވެރި ރެއަލްމެޑްރިޑާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން އެތުލެޓިކޯ ދަށްވި މެޗުގައި މޮރާޓާގެ ކަނާތު ފައިގެ ފަލަ މަސްގަނޑަށް އަނިޔާވެފައިވާއިރު، އޭނާ މެޗުގެ 50 ވަނަ މިނަޓްގައި ބަދަލުކޮށްފައެވެ. މޮރާޓާއަށް ލިބިފައިވާ އަނިޔާގެ ތަފްޞީލެއް އެތުލެޓިކޯއިން ދީފައެއްނުވެއެވެ.
ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ އަދި ލިވަޕޫލް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރެއެވެ.
އެންމެފަހުން ކުޅުނު ފަސް މެޗުންވެސް އެތުލެޓިކޯއަށް މޮޅެއް ލިބިފައިނުވާއިރު، މިފަސް މެޗުން އެތުލެޓިކޯއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ. އެއީ ކޮޕަޑެލްރޭގައި ލެއޮނެސާއާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން ދަށްވި މެޗުގައި އެންހެލް ކޮރެއާ ކާމިޔާބުކޮށްދިން ލަނޑެވެ.
22 މެޗުން ލިބުނު 36 ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ ލަލީގާ ތާވަލްގެ ހަވަނާގައެވެ.




