އުފަންދުވަހާއި ދިމާކޮށް ނޭމާއަށް އަނެއްކާވެސް އަނިޔާ ވެއްޖެއެވެ.
ފްރެންޗް ލީގު 1 ގައި މިރޭ ނަންޓޭސްއާއި ދެކޮޅަށް ޕީއެސްޖީއިން ނެރޭ ޓީމުގައި ނޭމާ ހިމެނިފައިނުވާއިރު، ރިޕޯރޓްތައް ބުނާގޮތުން މީގެ ދެދުވަސް ކުރިން ބޭއްވި ޕާޓީއެއްގައި ނޭމާގެ މޭކަށިގަނޑަށްވަނީ އަނިޔާވެފައެވެ.
މޮންޕެލިއޭ އަތުން 5-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގެ 24 ގަޑިއިރު ފަހުން ނޭމާވަނީ އޭނާގެ އުފަންދުވަހާއި ދިމާކޮށް ކުޑަ ޕާޓީއެއް ބާއްވާފައެވެ.
ނޭމާގެ އުފަންދުވަހަކީ ފެބްރުއަރީ 5 ވަނަ ދުވަހެވެ. އުފަން ދުވަސް އައުމުގެ ކުރިން ޕެރިސްގެ ނައިޓްކްލަބެއްގައި ހުދު ތީމަކާއެކު ބޭއްވި މިޕާޓީގައި ޕީއެސްޖީގެ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ވެރާޓީ އަދި ކަވާނީގެ އިތުރުން ޑިމާރިއާވެސް ހިމެނެއެވެ.

ނޭމާގެ މިޢަމަލުތަކާމެދު ހިތްހަމަނުޖެހި ޕީއެސްޖީގެ ކޯޗު ޓުޗެލް ވާހަކަ ދައްކާފައިވާއިރު، މެޗަށް ތައްޔާރުވާންވީ އެންމެ ރަނގަޅުގޮތަކީ މިއީތޯ ބުނެ، ޓުޗެލްވަނީ ސުވާލު އުފައްދާފައެވެ.
ބާސެލޯނާ ދޫކޮށް ޕީއެސްޖީއާއި ގުޅުނުފަހުން ނޭމާގެ ކޮންމެ އުފަން ދުވަހަކާއި ދިމާކޮށް އެނާއަށް ތަފާތު އަނިޔާގެ މައްސަލަތައްވަނީ ކުރިމަތިވެފައެވެ. 2018 އަދި 2019 ވަނަ އަހަރު ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެތަށް ދުވަހަކު ކުޅުމާއި ދުރުގައި ހުންނަށް ނޭމާއަށްވަނީ ޖެހިފައެވެ.
އުފަންދުވަހާއި ދިމާކޮށް ބޮޑެތި ޕާޓީތައް ބޭއްވުމަށް މަޝްޙޫރު ނޭމާގެ އުފަންދުވަހުގެ ޕާޓީއަށް ދުނިޔޭގެ ނަން މަޝްހޫރު މީހުން މެހެމާނުންގެ ގޮތުގައި އަބަދުވެސް ގެނެއެވެ. އެގޮތުން ނޭމާގެ އުފަންދުވަހުގެ ޕާޓީއަކަށް ބްރެޒިލްގެ ރައީސްވެސް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.



