ބާސެލޯނާގެ ޓެކްނިކަލް ސެކްރެޓަރީ އަބިޑާލްގެ އިންޓަރވިއުއާއި ގުޅިގެން ލިއޮނަލް މެސީ ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން އަބީޑާލް ބުނީ، ބާސެލޯނާގެ ކުރީގެ ކޯވު އާނެސްޓޯ ވަލްވާޑޭ ވަކިކުރުމުގައި ބާސެލޯނާގެ ކުޅުންތެރިންގެވެސް ޙިއްސާވެސް އެބައޮތްކަމަށެވެ. އެގޮތުން ޓީމު ތެރޭގައި ވާހަކަދެކެވިފައިނުވާއިރު، ބައެއް ކުޅުންތެރިން ވަލްވާޑޭއާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށްވެސް އަބިޑާލް ބުންޏެވެ.
މީގެއިތުރުން އަބީޑާލް ބުނީ، ވަލްވާޑޭގެ ކޯޗުކަމުގެ ދަށުގައި ކުޅުންތެރިން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމަށެވެ.
އަބީޑާލްގެ މިވާހަކަތަކާއި ގުޅިގެން އެކަމާ ހިތްހަމަ ނުޖެހި މެސީ ވާހަކަ ދައްކާފައިވާއިރު، މެސީ ބުނީ އެމީހެއްގެ ދާއިރާއެއްގެ ޒިންމާ އެމީހަކު ނަގަން ޖެހޭނެކަމަށާއި، ގޮތެއް ނިންމުމުގެ ކުރިން އެއީ ކިހާވަރެއްގެ ނިންމުމެއްކަންވެސް ބަލަންޖެހޭނެ ކަމަށެވެ.
އަދި ދަނޑުމަތީ ހިނގާ ހުރިހާކަމެއްގެ ޒިންމާ ކުޅުންތެރިން ނަގާނެކަމަށާއި، ކަމެއް ގޯސްކޮށް ދަންޏާވެސް އެކަން ކުޅުންތެރިންނަށް އެނގޭނެކަމަށް މެސީ ބުންޏެވެ.
މީގެއިތުރުން މެސީ ބުނީ، ކުޅުންތެރިންގެ ވާހަކަ ދައްކަންޏާ، އެއީ ސީދާ ކޮން ކުޅުންތެރިންނެއްކަން ހާމަކޮށްދޭން ޖެހޭނެކަމަށާއި، ނޫންނަމަ ހުރިހާ ކުޅުންތެރިންވެސް އެކަމުގައި ޝާމިލްވާއިރު، އެކަން ދޮގުކުރަން މަޖުބޫރުވާނެކަމަށެވެ.
އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ބާސެލޯނާގެ ކޯޗުކަމަށް ކީކޭ ސެޓިއެން ހަމަޖައްސާފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. ކީކޭގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުންވަނީ މޮޅުވެފައެވެ. އަދި އަނެއް މެޗުން ދަށްވެފައިވާއިރު، އެއީ ލަލީގާގައި ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުން ބާސެލޯނާ ދަށްވީ 2-0 ގެ ނަތީޖާއަކުންނެވެ.




