ޖަރުމަނު ކަޕުން ޑޯޓުމުންޑް ކެޓިނަމަވެސް، ހާލަންޑަށް ރެކޯޑެއް

ޖަރުމަނު ކަޕުން ބޮރޯސިއާ ޑޯޓުމުންޑް ކެޓިނަމަވެސް، އެކްލަބަށް ކުޅެމުން އަންނަ ޒުވާން އާލިން ހާލަންޑު ރެކޯޑެއް ހަދައިފިއެވެ.

ޖަރުމަނު ކަޕްގެ ތިންވަނަ ބުރުގައި ރޭ ވާޑާ ބްރީމަންއާއި ބައްދަލުކޮށް 3-2 ގެ ނަތީޖާއަކުން ޑޯޓުމުންޑް ދަށްވި މެޗުގައި ހާލަންޑް އެއްލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ކުޅެން ނުކުމެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރޭ ހާލަންޑު ކާމިޔާބުކޮށްދިން ލަނޑަކީ ޑޯޓުމުންޑަށް މިހާތަނަށް ކުޅެދިން ހަތަރު މެޗުން ޖެހި 8 ވަނަ ލަނޑެކެވެ. ޖަރުމަނު ލީގުގައި މިހާތަނަށް މިހާ މަދުން މެޗުކުޅެ މިވަރަށް އެހެން ކުޅުންތެރިއަކު ލަނޑު ޖަހާފައިނުވާއިރު، ޖަރުމަނުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން 8 ލަނޑު ކާމިޔާބުކޮށްދިން ފުރަތަމަ ކުޅުންތެރިއަކީ ހާލަންޑެވެ.

އަދި މި ހަތަރު މެޗުގެ ތެރެއިން ފުރަތަމަ 11 ގައި ހާލަންޑު ކުޅެފައިވަނީ އެންމެ މެޗެއްގައިކަންވެސް ފާހަގަކޮށްލެވެއެވެ.

ސާލްސްބާގު ދޫކޮށް ޑޯޓުމުންޑާއި މިދިޔަ ޖެނުއަރީމަހު ގުޅުނު ހާލަންޑު މިހާތަނަށް ދެރެކޯޑެއްވަނީ ހަދާފައެވެ. ރޭ ހެދި ރެކޯޑުގެ އިތުރުން ބުންޑެސްލީގާގައި އަލަށް ކުޅުނު ފުރަތަމަ ދެ މެޗުން ފަސް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއަކަށްވެސް އުމުރުން 19 އަހަރުގެ ހާލަންޑްވަނީ ވެގެންގޮސްފައެވެ.

ޖަރުމަނަށް ބަދަލުވުމުގެ ކުރިންވެސް ލަނޑު ޖެހުގެ ހުނަރުން އެތަށް ބަޔަކު ހައިރާންކޮށްލި ހާލަންޑްވަނީ މިދިޔަ ސީޒަންގައި ސާލްސްބާގަށް ކުލެދިން 20 މެޗުން 28 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑޯޓުމުންޑަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފި މެޗުން ދަށްވެފައިވާއިރު، މިއީ ވާޑާއަތުން ޖެހިޖެހިގެން ޖަރުމަނު ކަޕުން ޑޯޓުމުންޑް ކެޓި ދެވަނަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ