ކޮޕަޑެލްރޭ ކުއާޓާރ ފައިނަލްގައި މިރޭ ރެއަލް ސޮސިޑޭޑްއާއި ދެކޮޅަށް ނުކުންނަ މެޗަކީ މުބާރާތުގެ ފައިނަލް މެޗު ކަހަލަ މެޗެއްކަމަށް ރެއަލްމެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.
މިރޭގެ މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ، އިދިކޮޅު ޓީމުން އެއްގޮތަކަށް ދޫނުދޭނެކަމަށާއި، މިއީ ކުއާޓާރ ފައިނަލް މެޗެއް ނޫންކަމަށާއި ނަމަވެސް މުބާރާތުގެ ފައިނަލް މެޗު ކަހަލަ މެޗެއް ކަމަށެވެ.
"އިދިކޮޅުގައި އޮތީ ވަރުގަދަ ޓީމެއް. ފުރަތަމަ މިނަޓް ފެށިގެން ޖެހޭނެ މޮޅުވާން މަސައްކަތް ކުރަން." ޒިދާން ބުންޏެވެ.
ރެއަލްމެޑްރިޑަށް ކުޅޭ ޒުވާން ކުޅުންތެރިންނާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށް ޒިދާން ބުނެފައިވާއިރު، ވިނިޝިއަސްއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ، ވިނިޝިއަސްއަކީ ހުނަރުހުރި ޒުވާން ކުޅުންތެރިއެއްކަމަށެވެ. މީގެއިތުރުން ޒުވާން ފެޑެ ވަލްވާޑޭއަކީ ރެއަލްމެޑްރިޑަށް ކުޅޭވޭނެ ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދެމުން އަންނަކަމަށް ޒިދާން ބުންޏެވެ.
ޒިދާން ބުނީ، ވާދެވެރި ބާސެލޯނާ ފަހު ވަގުތާއި ޖެހެންދެން މަސައްކަތް ކުރާނެކަމަށާއި، ލީގު ލިބުނީ ކަމަށް ނުބަލައި ފަހު ވަގުތާއި ޖެހެންދެން ރެއަލްމެޑްރިޑުން މިހާރެކޭ އެއްގޮތަށް ފޯމްގައި ހިފަހައްޓާލަން ޖެހޭނެކަމަށެވެ.
49 ޕޮއިންޓާޢެކު ސްޕެނިޝް ލަލީގާގެ ތާވަލްގެ އެއްވަނާގައި ރެއަލްމެޑްރިޑްއޮތްއިރު ދެވަނާގައި ބާސެލޯނާ އޮތީ 46 ޕޮއިންޓާއެކުގައެވެ.
ކުއާޓާރ ފައިނަލްގައި ރެއަލްމެޑްރިޑް އަދި ރެއަލްސޮސިޑޭޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 11:00 ގައެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކޮޕަޑެލްރޭ ކުއާޓާރ ފައިނަލްގެ އަނެއް މެޗުގައި އެތުލެޓިކް ބިލްބާއޯއާއި ބާސެލޯނާ ބައްދަލުކުރާއިރު އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 01:00 ގައެވެ.




