ހުޅުމާލޭގައި ޓޯކުރާ އުޅަނދުތައް ބެހެއްޓުމަށް ބޭނުންވާ ބިން ދިނުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދުއެވެ.
ފުލުހުން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ޓްރެފިކް ފުލުހުން ޓޯކުރާ އުޅަނދުތައް ބެހެއްޓުމަށް ވަގުތީ ޓޯޔާޑެއް ގާއިމްކުރުމަށް ބޭނުންވާ ބިން ހުޅުމާލެ ފޭސް ދެއަކުން ހަމަޖެހިގެންދާނެކަމަށެވެ. އދި ހުޅުމާލޭގައި ވަގުތީ ޓޯޔާޑެއް ގާއިމްކުރެވިގެން ދިއުމުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުގެ އިތުރުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާތިފްވެސް ވަނީ ބައިވެރިވެލައްވާފައެވެ.



