ތިލަދުންމަތީ ދެކުނުބުރީގެ މެދުގައި އޮތް ކުނބުރުދޫއަކީ 2000 ގެ އަހަރުތަކުގައި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ފައިބާ މިއަދު ފަޅުރަށެއްގެ ގޮތުގައި އޮތް ހިތްގައިމު ރަށެކެވެ. ގާމަތި ރަށެއް ނަމަވެސް، ސާފު ހުދު ދޮންވެލީގެ ހިތްގައިމު ގޮނޑުދޮށެއް ލިބިފައިވާ ރަށެކެވެ. މި ހިތްގައިމުކަމުގެ ނަތީޖާއަކަށް ވެފައިވަނީ އަތޮޅުގެ އެތައް ބަޔަކު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެރަށް ބޭނުންކުރަމުން ދިއުމެވެ.
ނަމަވެސް، ކުނބުރުދޫގެ ހިތްގައިމުކަމާ ގުޅިފައިވާ ހުދު ދޮންވެލިގަނޑު މިވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. ގަވާއިދާ ޚިލާފަށް ވަގަށް އެރަށުގެ ގޮނޑުދޮށުން ވެލިނެގުން މިވަނީ ޢާއްމު ކަމަކަށް ހަދާފައެވެ. ދަންވަރާއި، ފަތިހު ވަގަށް ނަގަންފެށި ވެލި، މިއަދު މިވަނީ ދުވާލުގެ ވަގުތުތަކުގައި ބޮޑެތި ދޯނިފަހަރުގައި އެއްވެސް ބިރެއްނެތި ނަގަން ފަށާފައެވެ. އެކަން ކުރާ ފަރާތްތައް މިއަދު އެކަންކުރާ އުޞޫލަށް ބަލާއިރު އެއީ މަނާކަމެއްހެން ހީވެސް ނުވެއެވެ.

ކުނބުރުދޫއިން ވަގަށް ވެލިނަގަން ފެށުނީ މީގެ އަހަރުތަކެއް ކުރިންނެވެ. އޭރުގައި އެކަން ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކަށް އަތޮޅުގެ ޒުވާނުން ރިޕޯޓް ކުރިއެވެ. ނަމަވެސް ނަތީޖާ ފެނިފައިވަނީ ވަރަށް ހިތިކޮށެވެ. ފުލުހުންނަށް ވަގަށް ވެލިނަގާކަމުގެ ރިޕޯޓްކުރުމުން ވަގަށް ވެލިނެގި ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެދުވަހު ފުލުހުންނަށް ކުރެވުނު ކަމަކީ އެކަން ރިޕޯޓްކޮށް އެ މަންޒަރުތައް ފޮޓޯނެގި ފަރާތްތަކުގެ ކެމެރާތަކުން އެ މަންޒަރުތައް ފުހެލުމެވެ. އެ އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނާއި ފުލުހުންގެ ލޯންޗުގެ ފޮޓޯތައް ގަދަކަމުން ފުހެލުމުން އެދުވަހު ނިންމާލީއެވެ.
ނުގަވާއިދުން ވެލިނަގާތާ އަހަރުތަކެއް ވެފައިވާއިރު، މިއަދުވެސް އެކަން ދަނީ ތަކުރާރުވަމުންނެވެ. އިއްޔެ (27 މާރިޗު 2019) ހަވީރު ކުނބުރުދޫއިން ހދ. ކުޅުދުއްފުށީ ދޯންޏަކުން ގަވާއިދާ ޚިލާފަށް ވެލިނަގަމުންދިޔަ ފަރާތްތަކުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެވުނެވެ. ނަމަވެސް އެ ސީންއަށް ފުލުހުން ހާޒިރުވެފައެއް ނުވެއެވެ. އަދި އެ ބޮޑު ޖަރީމާ ހުއްޓުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއްވެސް ކޮށްފައެއްވެސް ނުވެއެވެ.
މިކަމާ ގުޅިގެން މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ގަވާއިދާ ޚިލާފަށް ކުނބުރުދޫއިން ވެލިނަގާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
"ފުލުހުންނަށް އެބައޮތް އެކަން ރިޕޯޓް ކޮށްފައި، އެކަން އެބަ ބަލާ އިނގޭތޯ. މައްސަލައެއް ނޫން އިނގޭތޯ، އެކަން ބަލަމުން ދަނީ. އަޅުގަނޑުމެންނަށް ރިޕޯޓް ލިބިގެން އެކަން ބަލަމުންދަނީ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ޖަރީމާގެ ރިޕޯޓް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޢާއްމު ފަރާތަކުން ހުށަހަޅާފައިވަނީ، މިއްޔެ ހަވީރު 05:10 ހާއިރުއެވެ. އެ ރަށަކީ ފުލުހުންގެ މަރުކަޒެއް ހުރި ހދ. ކުޅުދުއްފުށިން ފުރައިގެން 5 މިނެޓުން ސްޕޯޓް ލޯންޗެއްގައި ދަތުރު ކުރެވޭހާ ކައިރި ހިސާބެވެ. ނަމަވެސް އެކަމާ ގުޅިގެން މީޑިއާއިން ރޭ ސުވާލު ދެންނެވުމުން ފުލުހުން ދެއްވި ޖަވާބުން ސާފުވަނީ އެކަން ހުއްޓުވަން ފުލުހުންނަށް އެކަށީގެންވާ މަސައްކަތް ކުރެވެމުން ނުދާކަމެވެ.
ހދ. އަތޮޅުން ރިސޯޓް ހަދަން ދޫކޮށް، ގިނަ ދުވަސްވެފައިވާ ރަށްތަކުން ގަވާދިފާ ޚިލާފަށް ވެލިނަގާ މައްސަލަ މީގެ ކުރިން ފެންމަތިވެފައިވާއިރު، އަތޮޅުގެ މެދުގައި އޮތް ހދ.ކުނބުރުދޫއިން ވެލިނަގާ މައްސަލަވެސް މިވަނީ އަތޮޅުގެ ޒުވާން ޖީލު ކަންބޮޑުވާ މިންވަރަށް ގޮސްފައެވެ. ހިތްގައިމު ގޮނޑުދޮށް ވެލިނަގާ ހަލާކުކޮށްލަނީ އަތޮޅުގެ ވެރިންނާއި ފުލުހުންނަށްވެސް ނޭނގިއެއް ނޫނެވެ. މަދު ބައެއްގެ މަންފާއަށް އަތޮޅުގެ މުއްސަނދި ރަށެއް ހަލާކުކޮށްލަން ދޫކޮށްލެވިގެން ނުވާނެއެވެ.

ހދ. ކުނބުރުދޫއިން ގަވާއިދާ ޚިލާފަށް ވެލިނަގައި، އެރަށް ހަލާކު ކުރަމުންދާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނާއި، ތިމާވެއްޓާބެހޭ ވުޒާރާއިން އަދި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ހދ.އަތޮޅު ކައުންސިލުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ހައްލު ކޮށްދެއްވުމަކީ ތިލަދުންމަތީ ދެކުނުބުރީ ރައްޔިޔުންގެ އުއްމީދެކެވެ.
ހިޔާލު
ގިނަގިނާން މިވާހަކަ ނޫހުގަ ލިޔަންވީ… މިކަމާބެހޭގޮތުން މުއްސަސާތަކާ ވެސް ސުވާލު ކުރަންވީ
ގިނަގިނަ އިން ނޫސް ތަކުގައި ޖަހަން ވީ ޖަހައިގެން މިކަން ހުއްޓުވަންވީ
ކޮމެންޓް ކުރުން ބަންދު