އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ފަތުރުވެރިން ތަކަކަށް އަމާޒުކޮށް ދިން ހަމަލާގެ ތުހުމަތުގައި އިތުރު މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.
ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ މިމައްސަލައިގައި ނޫސްވެރިންގެ ބައްދަލުވުމެއް ފުލުހުން މިރޭ ބާއްވައިފައިވާއިރު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވެފައިވަނީ މި ހަމަލާގެ ތުހުމަތުގައި ފަސްމީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަންގާރަ ދުވަހުގެރޭ 7:50 ހާއިރު ދިން ހަމަލާގައި ހަރުކަށި ފިކުރުގެ މީހުން ބައިވެރިވެ އަދި އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމަށްފަހު އިތުރު މީހަކު މިމައްސަލައިގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައެވެ. އެހެންކަމުން މިހާރު މިމައްސަލައިގެ ތުހުމަތުގައި ޖުމުލަ ހަމީހުންވަނީ ހައްޔަރުކޮށްފައެވެ.
ވަޅީގެ ހަމަލައިގައި ޒަހަމްވި ތިން ބިދޭސީންގެ ތެރެއިން ފަރުވާ އަށް ފަހު އެކަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އަނެއް ދެ މީހުންނަށް ހޮސްޕިޓަލްގައި މިހާރުވެސް ފަރުވާދެމުންއެބަދެއެވެ.
މިހަމަލާ ދިނުމަށްފަހު މި ހަމަލާގެ ޒިންމާ އައިސް ޖަމާއަތަށް ތާއީދުކުރާ ރާއްޖޭގެ ގުރޫޕަކުން ނަގައިފައިވާކަމަށް ބުނެ ވީޑިއޯއެއް އާންމުކޮށްފައިވާއިރު ފުލުހުން ވިދާޅުވީ، މި ވީޑިއޯގެ ސައްހަކަން ދެނެގަތުމަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ވީޑިއޯތައް ޝެއާ ކުރުމަކީ ގާނޫނީ ކުށެއްކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާގައި ޒަހަމްވެފައިވަނީ ޗައިނާގެ ޓުއަރިސްޓަކާއި އަދި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ މީހެއްގެ އިތުރުން އޮސްޓުރޭލިޔާ މީހެކެވެ.