ސުވަޓް ފުލުހުން ފިސްތޯލް ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރިވާންޖެހޭ ހާލަތު އަތުވެއްޖެކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ފަތުރުވެރިންނަށް އަމާޒުކޮށް ވަޅިން ހަމަލާދިން މައްސަލައިގައި ހަރުކަށި ފިކުރަށް ނިސްބްތަވާ ބަޔަކު ހައްޔަރުކުރި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ރިޔާޒު މިމައްސަލައިގައި ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސުވަޓް ފުލުހުން ފިސްތޯލް ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރިވާންޖެހޭ ހާލަތު އަތުވެއްޖެ ކަމަށް ދެކޭ ކަމަށެވެ. އަދި ފުލުހުން ބާރުވެރި ކުރެވިގެން ނޫނީ ގައުމު އަމާން ނުކުރެވޭނެ ކަމަށެވެ.
ފަތުރުވެރިންނަށް އަމާޒުކޮށް ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ވަޅިން ދިން ހަމަލާގައި ޒަހަމްވެފައިވަނީ، ޗައިނާގެ ފަތުރުވެރިއަކާއި ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ އަދި އޮސްޓުރޭލިޔާއަށް ނިސްބަތްވާ މީހެކެވެ. ޒަހަމްވި ތިންމީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިހަމަލާގެ ޒިންމާ އައިސް އަށް ސަޕޯޓްކުރާ ރާއްޖޭގެ ގުރޫޕަކުން ނަގައިފައި ވާއިރު މި ގުރޫޕުންވަނީ މިފަދަ އިތުރު ހަމަލާތައް ހީވެސް ނުކުރާ ތަންތަނުން ދޭނެކަމަށްބުނެ އިންޒާރުދޭ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.
މިމައްސަލައިގައި ފުލުހުންވަނީ މިހާތަނަށް ހަމީހަކު ހައްޔަރު ކޮށްފައެވެ. އަދި އާންމު ކޮށްފައިވާ އިންޒާރުގެ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ފުލުހުންދަނީ ކުރަމުންނެވެ.