ބާސެލޯނާ އަދި ރެއަލްމެޑްރިޑްވެސް ކޮޕަޑެލްރޭއިން ކަޓައިފި

ބާސެލޯނާ އަދި ރެއަލްމެޑްރިޑްވެސް ކޮޕަޑެލްރޭއިން ކަޓައިފިއެވެ.

ކުއާޓާރ ފައިނަލްގައި ރޭ މިދެޓީމުވެސް ކުޅުނު މެޗުން ބަލިވެފައިވާއިރު، ބާސެލޯނާ ބަލިވީ އެތުލެޓިކް ބިލްބާއޯއާއި ވާދަކޮށެވެ. އަދި ރެއަލްމެޑްރިޑް ދަށްވީ ރެއަލްސޮސިޑޭޑް އަތުންނެވެ.

ސެން މޭމްސް ސްޓޭޑިއަމްގައި ރޭ އެތުލެޓިކް ބިލްބާއޯ އާއި ބައްދަލުކުރި މެޗުން ބާސެލޯނާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ ބުސްކެޓް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެތުލެޓިކް ބިލްބާއޯގެ ކުރިއަށް ކުޅެމުން އަންނަ އިނާކީ ވިލިއަމްސް ހުރަސްކުރި ބޯޅަ ދިފާޢުކުރަން އުޅުމުގެ ތެރޭގައި ބުސްކެޓް ބޮލުގައި ޖެހިފަވަނީ އަމިއްލަ ގޯލަށެވެ.

4-4-2 ފޯމެޓަށް ކުޅުނު ބާސެލޯނާއަށް ރަނގަޅަށް ކުޅެގަނެވުނީ ދެވަނަ ހާފުގައި ގެނައި ބަދަލުތަކާ އެކުގައެވެ. އެއާއެކު ބާސެލޯނާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއްވަނީ ލިބިގެން ގިސްފައެވެ. އެގޮތުން ގްރިޒްމަންއަށާއި މެސީއަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. މިދެހަމަލާއެއް ބިލްބާއޯގެ ކީޕަރު އުނައި ސިމިއޮންވަނީ ދިފާޢުކޮށްފައެވެ.

މޮޅަށް ކުޅެމުންދިޔަ ބާސެލޯނާއަށް ހާސްކަން ކުރިމަތިވީ ފަހަތަށްކުޅެމުން އަންނަ ޕީކޭއަށް އަނިޔާވުމާއި ގުޅިގެންނެވެ. ޕީކޭގެ ބަދަލުގައި އުމްޓިޓީ ކުޅެން ނެރެފައިވަނީ 80 ވަނަ މިނަޓްގައެވެ.

ބާނަބޯ ސްޓޭޑިއަމްގައި ރެއަލް ސޮސިޑޭޑް އާއި ދެކޮޅަށް ކުޅުނު ކުއާޓާރ ފައިނަލްއިން ރެއަލްމެޑްރިޑް ދަށްވީ 3-4 ގެ ނަތީޖާ އަކުންނެވެ.

ގިނަ ލަނޑު ތަކެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ތިން ލަނޑުވެސް ޖަހާފައިވަނީ ރެއަލްސޮސިޑޭޑްއިންނެވެ. އޮޑެގާޑުގެ ލަނޑާއި އިސާކްގެ ދެލަނޑު ސޮސިޑޭޑް ލީޑުގައި އޮތްނަމަވެސް މާސެލޯ ލަނޑެއްޖަހައި ރެއަލްގެ ހިތްވަރު އާކޮށްދިނެވެ.

އަދި އޭގެ ދިހަ މިނަޓްފަހުން އަނެއްކާވެސް ސޮސިޑޭޑްއިން ތިން ލަނޑުގެ ލީޑެއްނެގީ މެރިނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް ރެއަލްހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. 81 ވަނަ މިނަޓްގައި ރޮޑްރީގޯ ކާމިޔާބުކޮށްދިން ލަނޑާއެކު އަލުން ގޭމްގެ ތެރެއަށް ވަތް ރެއަލްއިން ފަރަގު ކުޑަކުރީ އިތުރު ވަގުތުގައި ނަޗޯ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. އަދި މެޗު ނިމިނިމި އޮށްވާ ނަތީޖާ ހަމަހަމަކުރަން ރާމޯސް ރަނުގެ ފުރުޞަތެއް ލިބިގެން ގޮސްފައިވާއިރު، ރާމޯސް ބޮލުން ފޮނުވާލި މިހަމަލާ ދިޔައީ ކީޕަރު ރެމިރޯ އަތަށެވެ. ރެއަލްއިންވަނީ މެޗުގެ ފަހު ވަގުތާއި ޖެހެންދެންވެސް ހިތްވަރުކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ރެއަލްމެޑްރިޑް ދަށްވި ފުރަތަމަ ފަހަރެވެ. އަދި ޒިދާންގެ ކޯޗުކަމުގެ ދަށުން ރެއަލްމެޑްރިޑް ކޮޅަށް 4 ލަނޑު ވަތް މިއީ ފުރަތަމަ މެޗެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ