އިންތިޤާލީ އިންސާފުގެ ބިލް ފާސްކޮށް، ގިނަ ބަޔަކަށް އިންސާފު ލިބުމަކީ މިއަދުގެ އުންމީދު ކަމުގައި ބަންޑާރަ ނާއިބު އިބްރާޙީމް ރިފްއަތު ވިދަޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނިޒާމީ ސިފައެއްގައި ރޭވިގެން ދަޢުލަތުގެ މުއައްސަސާއަކުން ނުވަތަ އެތަނުގެ ވެރިޔަކު ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމަށް އަރައިގެންފައިވާ މައްސަލަތައް ބަލައި، ތަޙްޤީޤުކޮށް، ތެދުހާމަކޮށް އެފަދަ އަނިޔާތައް ތަކުރާރުވުން ހުއްޓުވައި ޖަވާބު ދާރީ ކުރުވަނިވި ދަޢުލަތެއް ބިނާ ކުރުމަށްޓަކައި މި ބިލް ފާސްކުރަންޖެހޭކަމަށެވެ.
ރިފްއަތު މިހެން ވިދަލުވެފައި މިވަނީ ގިނަ ޕާޓީތައް ވާދަކުރާ ސިޔާސީ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި އުފެދުނު ފުރަތަމަ ވެރިން ވެއްޓުނުތާ 8 އަހަރު ފުރުމާއި ދިމާކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން މަޖިލީހުގެ ރައީސްކަން ކުރައްވަމުން އަންނަ ކުރީގެ ރައީސް ނަޝީދު ވިދަޅުވެފައި ވަނީ އެދުވަހު ވެރިކަން ވައްޓާލައިފައި ވަނީ ބަޤާވާތަކުންކަމަށެވެ. އެހެން ނަމަވެސް އެކަން އަދިވެސް އޮތީ ތަޙްޤީޤު ނުކުރެވިއެވެ.
މިކަމާއި ގުޅިގެން ބަންޑާރަނައިބު ވިދާޅުވެފައިވަނީ އެދުވަސް އަނދިރި ދުވަހެއްގެ ގޮތުގައި ރާއްޖޭގެ ތާރީޚްގައި އަބަދަށް ލިޔެވިފައިވާކަމަށެވެ.
ސަރުކާރުގެ ފަރާތުން 28 އޮކްޓޫބަރު 2019 ގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އިންތިޤާލީ އިންސާފުގެ ބިލުގައި ވާގޮތުން ބޮޑެތި މަސްޢޫލިއްޔަތު ތަކެއް ހަވާލުކުރެވި، އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމުކުރެވޭނެއެވެ. އެގޮތުން އެ އޮފީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ:
ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލްވުން.
ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ އަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުން.
ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުން.
އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި ބަންޑާރަނައިބަށް ފޮނުވުން.
އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ބަދަލު ހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުން.
ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އިންތިޤާލީ އިންސާބުގެ ބިލާއެކު 07 ފެބުރުވަރީ 2012 ގެ ބަޤާވާތް ތަޙްޤީޤު ކުރެވިގެން ދާނެކަމަށެވެ.




