އދ. ގެ ޖެނިވާ އޮފީހުގައި ބާއްވާ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގެ ޔޫޕީއާރު ރިވިއު ބައްދަލުވުންތަކުގެ ތެރެއިން ރާއްޖޭގެ މަސައްކަތް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތް ދެއްވި މެސެޖަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަޙީލުކަމެއްކަމަށް އެޓަރނީ ޖެނަރަލް އޮފީހުން ބުނެފިއެވެ.
އެ ބައްދަލުވުމުގައި އޭޖީ ރިފްއަތް ވިދާޅުވީ ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށެވެ. މަރުގެ އަދަބު މި ވަގުތަށް ނުރަސްމީކޮށް ހުއްޓާލާފައިވާ ސިޔާސަތު ސަރުކާރުން ދަމަހައްޓަމުން ދާނެ ކަމަށް ރިފްއަތް ވިދާޅުވިއެވެ.
މަރުގެ އަދަބު އުވާލެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ރިފްއަތް ވިދާޅުވުމުން އާންމުންގެ ބައެއް ފާޑުކިއުންތައް އޭނާއަށް އަމާަޒުވިއެވެ. މި ގޮތުން އިސްލާމީ ޝަރީއަތް އުވާލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވެސް ނުގެނޭ ކަމަށް ދިވެހިންގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ދެން ވަނީ އޭޖީ ރިފްއަތުގެ ވާހަކަ ސާފުކޮށްދޭން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައިވާ ގޮތުން ރާއްޖޭގައި މަރުގެ އަދަބު ދިނުމާއި މަރުގެ އަދަބު އުވާލުމަށް ގިނަ ގައުމުތަކެއްގެ ހުށަހެޅުން ލިބޭނެ ކަމަށް ލަފާ ކުރެވިފައިވެއެވެ.
އެހެންކަމުން އދ. ގެ އެ ބައްދަލުވުމުގައި ރާއްޖޭގެ ގާނޫނުތަކުގައި މަރުގެ އަދަބު ދެވޭ ގޮތަށް އޮންނަނީ ރާއްޖެއަކީ އިސްލާމީ ދައުލަތަކަށް ވެފައި އިސްލާމް ދީނުގެ އަސްލަކާ ހިލާފް އެއްވެސް ގާނޫނެއް އެކުލަވާނުލެވޭނެ ކަން ދުނިޔެއަށް އަންގައިދިނުން މުހިއްމުވި ކަމަށް އެ ބަޔާނުގައިވެއެވެ.
"އެޓާނީ ޖެނެރަލްގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަޙީލުކަމެއްކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސާފުކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެކެވެ." އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
އެ އޮފީހުން އިތުރަށް ބުނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފެށުމަށްވުރެ ކުރިން ފުރަތަމަ އިސްކަންދޭނީ، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ޢަދުލު އިންޞާފުގެ ނިޒާމެއް ޤާއިމްކުރުމަށް ކަމަށާއި، މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަޤްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަކޮށްފައިވާ ސިޔާސަތެއްކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.



