އިޓާލިއަން ސީރީއާގައި ރޭ ވެރޯނާއާއި ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް ބަލިވިނަމަވެސް، ރޭ ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމަށް އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސީރީއާގެ ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.
މާކަންޓޯނިއޯ ބެންޓެގޯޑީ ސްޓޭޑިއަމްގައި ރޭ ކުޅެވުނު މެޗުން ވެރޯނާއަތުން ޔުވެންޓަސް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ ފުރަތަމަ ލަނޑު ޔުވެންޓަސްއިން ޖަހާފައިވާއިރު، މިލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.
މިއީ މިސީޒަންގެ ސީރީއާގައި ރޮނާލްޑޯ ޖެހިޖެހިގެން ލަނޑުޖެހި 10 ވަނަ މެޗެވެ. އަދި އެއާކު ޖެހިޖެހިގެން ސީރީއާ 10 މެޗުގައި ލަނޑުޖެހި ޔުވެންޓަސްގެ ހަމައެކަނި ކުޅުންތެރިއަކަށް ރޮނާލްވަނީ ވެގެން ގޮސްފައެވެ. ރޮނާލްޑޯވަނީ މިސީޒަންގައި މިހާތަނަށް ކުޅުނު ސީރީއާ 20 މެޗުން ޖުމްލަ 20 ލަނޑުޖަހައި 2 އެސިސްޓް ހަދާފައެވެ.
10 - Cristiano #Ronaldo is the 1st #Juventus' player to have found the net in 10 successive games played by the Bianconeri in the history of the Serie A. Star.#VeronaJuve pic.twitter.com/U8UZVSesWK
— OptaPaolo (@OptaPaolo) February 8, 2020
މެޗުގެ 76 ވަނަ މިނަޓްގައި ވެރޯނާއަށް ހަމަހަމަކޮށްދިނީ ފަބިއޯ ބޮރިނީއެވެ. މިލަނޑާއެކު ވެރޯނާއަށް އިތުރު ހިތްވަރެއް ލިގެންދިޔައެވެ. އަދި ޔުވެންޓަސްގެ ގޯލަށް ކުރަމުންދިޔަ ހަމަލާތައް އިތުރުވިއެވެ. ނަތީޖާއެއްގެ ގޮތުން ވެރޯނާގެ ހަމަލާތަށް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ޔުވެންޓަސްގެ ޑިފެންޑަރު ބޮނޫޗީ ބޯޅައިގެ އަތް ޖެއްސިކަމަށްބުނެ ވީއޭއާރު ބެލުމަށްފަހު ރެފްރީވަނީ ވެރޯނާއަށް ޕެންލަޓީއެއް ދީފައެވެ. އަދި މެޗުގެ 86 ވަނަ މިނަޓްގައި ޕަޒިނީ ޖެހި މިޕެނަލްޓީ ކާމިޔާބުކޮށް ވެރޯނާއިން މެޗު ނިންމާލީ ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޭ މެޗުން ޔުވެންޓަސް ދަށްވުމާއެކު ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުޞަތު އިންޓަރމިލާންއަށްވަނީ ފަހިވެފައެވެ. 23 މެޗުން އެއްވަނާގައި އޮތް ޔުވެންޓަސްއަށް 54 ޕޮއިންޓްލިބޭއިރު، ދެވަނާގައި އޮތް އިންޓަރމިލާންއަށް 22 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.
އިންޓަރ ތާވަލްގެ އެއްވަނައަށް އަރަން ބޭނުންނަަމަ ޖެހޭނީ މިރޭ އޭސީ މިލާންއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުން މޮޅުވާށެވެ. ސެންސީރޯގައި ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:45 ގައެވެ.



