ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް އެކްލަބު ދޫކޮށްލަން އުޅުނު ވާހަތަކައް އޭނާގެ އެޖެންޓް ޖޮނަތަން ބާނެޓް ދޮގުކޮށްފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ރެއަލްމެޑްރިޑް ދޫކޮށް ބޭލްގެ ކުރީގެ ކްލަބު ޓޮޓޭންހާމްއާއި ގުޅެން އުޅޭ އަޑުތައް ފެތުރިފައިވީނަމަވެސް އެޖެންޓް ބުނީ އެއީ ހުސް ދޮގު ވާހަކަކަމަށާއި، މީހުން ކޮންމެ ގޮތަކަށް ވާހަކަ ދެއްކިނަމަވެސް ބޭލް އަބަދުވެސް ރެއަލްމެޑްރިޑުގައި މަޑުކުރަން ބޭނުންވާކަމަށެވެ.
އުމުރުން 70 އަހަރުގެ ޖޮނަތަން ބޭލްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާތާ ގިނަދުވަސްތަކެއްވަނީ ވެފައެވެ. ސައުތުހެމްޓަމްގެ ޒުވާން ޓީމަށް ބޭލް ކުޅުނުއިރުއްސުރެ ޖޮނަތަންއަކީ އޭނާގެ އެޖެންޓެވެ.
ބޭލް ރެއަލްމެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި ދެއަހަރު އޮތްއިރު، އެއްބަސްވުމާއި އެއްގޮތަށް ބޭލް ރެއަލްމެޑްރިޑްގައި މަޑުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް ބޭލްގެ އެޖެންޓްވަނީ ބުނެފައެވެ.
ރެއަލްމެޑްރިޑް ބޭލް މިހާތަނަށް ހޭދަކުރި 6 ސީޒަންގައި އެކްލަބާއެކު ހަތަރު ޗެމްޕިއަންސް ލީގާއި އެއް ލަލީގާ ކާމިޔާބުކޮށްފައިވެއެވެ. ބޭލް ރެއަލްމެޑްރިޑާއި ގުޅުނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ލަލީގާގައި މިރޭ އޮސަސޫނާއާއި ދެކޮޅަށް ރެއަލްމެޑްރިޑުން ނުކުންނަ ޓީމުގައި ބޭލްވަނީ ހިމަނާފައެވެ. 49 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތް ރެއަލްމެޑްރިޑަށް ލީޑު އިތުރަށް ފުޅާކުރުމަށް މިރޭގެ މެޗަކީ ވަރަށް މުހިންމު މެޗެކެވެ. އެލްސަޑާރުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފެށުމަށްހަމަޖެހިފައިވަނީ މިރޭ 08:00 ގައެވެ.
ވާދަވެރި ބާސެލޯނާ ތާވަލްގެ ދެވަނާގައި އޮތީ 46 ޕޮއިންޓާއެކުގައެވެ. ބާސެލޯނާގެ މެޗެއްވެސް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ލަލީގާގައި ރެއަލްބެޓިސްއާއި ދެކޮޅަށް ބާސެލޯނާ ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 01:00 ގައެވެ.




