މަސްތުވާތަކެއްޗާއެކު ބ. ދަރަވަންދޫންއިން ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ބ.ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ދަރަވަންދޫން ހައްޔަރުކޮށްފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، އެއަންހެންމީހާ ހައްޔަރުކޮށްފައިވަނީ ދަރަވަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިފެބްރުއަރީ މަހުގެ 07 ވަނަ ދުވަހުގެ 15:30 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެއިންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"މި އޮޕަރޭޝަނުގައި އަންހެންމީހާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވޭ" ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް، ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.
މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




