މަސްތުވާތަކެއްޗާއެކު ގަމުން ދެ މީހަކު އަދި ނައިފަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ގަމުން ދެ މީހަކު އަދި ނައިފަރުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ލ. ގަން ޕޮލިސް ސްޓޭޝަނާއި، ފޮނަދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ލ.ގަމުން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުންދާ ބޯޓަކުން ގަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 26 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

"މި ހިނގާ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށް، އެމީހުން ހަވާލުވާން ދިޔަ ފޮށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވޭ" ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ނައިފަރުން މަސްތުވާތަކެއްޗާއެކު އުމުރުން 20 އަހަރުގެ ފިރިހެނަކު ޙައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ޙައްޔަރުކޮށްފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހުގެ 12:05 އެހައިކަންހާއިރު ނައިފަރު ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނުމާ ގުޅިގެންކަމަށެވެ.

ގަމުން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް، ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވައިވާއިރު، ނައިފަރުން ހައްޔަރުކޮށްފައިވާ މީހާ ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ދެމައްސަލަވެސް ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ