ސީރީއާ - މިލާން ޑާބީ ކާމިޔާބުކޮށް އިންޓަރ މިލާން އެއްވަނައަށް

އިޓާލިއަން ސީރީއާގައި ރޭ ކުޅުނު މިލާން ޑާބީގައި ފަހަތުންއަރައި އޭސީ މިލާން ބަލިކޮށް އިންޓަރ މިލާންއިން ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ސެންސީރޯގައި ކުޅެވުނު މިމެޗު އިންޓަރ މިލާންއިން ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާ އަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެލަނޑު ޖަހައި ލީޑު ނެގީ އޭސީ މިލާނުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ މިދެލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ރެބިޗްއާއި އިބްރަހިމޮވިޗްއެވެ. އިބްރަހިމޮވިޗް ބޮލުން ހުރަސްކޮށްދިން ބޯޅަ ރެބިޗް ގޯލްގެ ތެރެއަށް ފޮނުވާލީ ގޯލު ކުރިމަތީ ހުހަށްއޮވެއެވެ. އިބްރަހިމޮވިޗްގެ ލަނޑަކީ ކޯނަރަކުން ހުރަސްވި ބޯޅައަކުން ބޮލުން ކާމިޔާބުކުރި ލަނޑެކެވެ. މިދެލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އޭސީ މިލާން ކުރީގައި އޮވެގެންނެވެ.

ނަމަމަވެސް މުޅިން އާހިތްވަރަކާއެކު ދެވަނަ ހާފަށް ނުކުތް އިންޓަރއިން ފުލުފުލުގައި ދެލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވާއިރު، މިދެލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ބްރޮޒޮވިޗްއާއި ވެސިނޯއެވެ. 51 ވަނަ މިނަޓްގައި ބްރޮޒިވިޗް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑަކީ ބޯޅަ ފެނުގައި ނުޖެހެނީސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެމިނަޓްފަހުން ވެސިނޯ ލަނޑު ކާމިޔާބުކުރީ ސަންޗޭޒްގެ ޕާސް ހުހަށްއޮތް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގައި ފުރަތަމަ ފަހަރަށް އިންޓަރއިން ލީޑު ނެގީ 70 ވަނަ މިނަޓްގައި ސްޓެފަން ޑިވްރާއީ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ. ކޯނަރަކުން ހުރަސްވި ބޯޅައިގައި ސްޓެފަން ޑިވްރާއި ބޮލުން ކާމިޔާބުކޮށްދިން މިލަނޑާއެކު މުޅި ސްޓޭޑިއަމް އެއް އަޑަކުން ގުގުމާލިއެވެ. އިންޓަރއިން މެޗު ޔަޤީންކުރީ އިތުރު ވަގުތުގައި ލުކާކޫ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.

މީގެއިރުތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެން ދިޔަ މިމެޗުގައި ދެޓީމުންވެސް ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިއާއި އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެއީ އޭސީ މިލާންގެ ޗަންހަނޯލޫ ފޮނުވާލި ހޫނު ހަމަލާއަކާއި، އިންޓަރއާއި އަލަށް ގުޅުނު އެރިކްސް ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމެވެ.

އިންޓަރއިން ސީރީއާގައި އެންމެފަހުން ކުޅުނު 16 މެޗުން ބަލިވެފައިނުވާއިރު، ރޭގެ މޮޅާއެކު އެކްލަބަށް ތާވަލްގެ އެއްވަނަ ލިބެނީ ޔުވެންޓަސްއަށްވުރެ އިތުރަށް ލިބިފައިވާ 7 ފައިދާ ގޯލާއެކުއެވެ. އިންޓަރއަށާއި ދެވަނާގައި އޮތް ޔުވެންޓަސްއަށް 23 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ