މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ކަންކަން ކްލެމެންސީ ބޯޑުން އަވަސްކުރުމުގެ ޢުޞޫލެއް ފާސްކޮށްފިއެވެ.
އެޓާރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ކްލެމެންސީ ބޯޑުގެ މައްސަކަތްތައް ހަލުވި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރުމަށްފަހު ފާސްކޮށްފައިވާ މިޢުޞޫލަކީ ކްލެމެންސީ ބޯޑަށް އިލްތިމާސް ފޯމް ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވަން ގޮތަށްކަށް ފާސްކުރި އައު ޢުޞޫލެއްކަމަށެވެ.
ކްލެމެންސީ ބޯޑުގެ މައްސަކަތްތައް ހަލުވި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރުމަށްފަހު ކްލެމެންސީ ބޯޑަށް އިލްތިމާސް ފޯމް ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭންޖެހޭ ގޮތަށް އައު އުޞޫލު ފާސްކޮށްފި. މިގޮތަށް ފާސްކުރީ އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި pic.twitter.com/C14RvJK5Fz
— AG Office Maldives (@AGOmv) February 10, 2020
ކްލެމެންސީ ބޯޑުގައި ތަފާތު ދާއިރާތައް ހިމެނޭ ގޮތަށް ޖުމްލަ 11 ބޭފުޅުން ހިމެނޭއިރު، އެއީ ރައްޔިތުން މަޖިލީހުގެ މެމްބަރަކާއި، ޤާނޫނީ ދާއިރާގެ ބޭފުޅަކާއި ތަޢުލީމީ ދާއިރާގެ ބޭފުޅަކާއި އިޖްތިމާޢީ ދާއިރާގެ ބޭފުޅަކާއި ޞިއްޙީ ދާއިރާގެ ބޭފުޅަކާއި ދީނީ ޢިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްޢިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ބޭފުޅަކާއި އަދި ޝަރުއީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެކެވެ.
ކްލެމެންސީ ބޯޑު އެކުލަވާލާފައިވަނީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު ގެ ދަށުންނެވެ. އެޤާނޫނުގެ ދަށުން، ބޯޑުގެ ރައީސަކީ އެޓަރނީ ޖެނެރަލްއެވެ.
ކްލެމެންސީ ބޯޑުން ކުރިން ޢާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުން، ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 60 ޤައިދީއެއްގެ އަދަބު ލުއިކޮށް ދީފައިވެއެވެ. މީގެ އިތުރުން 49 މީހަކަށް މަޢާފުދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަ ކަމަށް ކްލެމެންސީ ބޯޑުން ރައީސަށް ލަފާ ދީފައިވެއެވެ.



