ދިވެހި ފިލްމް އިންޑްސްޓްރީގައި މިވަގުތު އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ޑާކް ރެއިންގެ ކުރިއަށް އޮތް ފިލްމް “ނޮވެމްބަރ”ގެ ހިތްގައިމު ޕޯސްޓަރު ދައްކާލައިފިއެވެ.
މި ޕޯސްޓަރުން ފެނިގެންދަނީ، ފިލްމްގެ ދެ ލޯޑު ތަރި ޖުމައްޔިލް އަދި މާޖޫގެ ވަރަށް ރޮމޭންޓިކް ފެނިލުމެކެވެ. އަދި މި ފެނިލުމުގެ ފަހަތުން ފިލްމްގެ ބޮޑު ބައެއް ޝޫޓްކޮށްފައިވާ ހިތްގައިމު ސިންގަޕޫރުގެ ސިންގަޕޫރުގެ ބިޔަ އިމާރާތްތައް ފެނެއެވެ.
އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ސްކްރީންޕްލޭ ހަދާފައިވާ މި ފިލްމަކީ ލޯބީގެ ވާހަކައެއްކަމަށް ފިލްމްގެ ޕްރޮޑިއުސަރު މޮގާ ބުނެފައިވެއެވެ. މި ފިލްމް ޑައިރެކްޓްކުރަނީ، ޑާކް ރެއިންގެ ކާމިޔާބު ގިނަ ފިލްމްތަކެއް ޑައިރެކްޓްކޮށްދީފައިވާ އަދި ގައުމީ އެވޯޑު ހާސިލްކޮށްފައިވާ އަލީ ޝިފާއު(ޗިއްޕެ) އެވެ.
ފިލްމްގެ ލީޑުން ޑާކް ރެއިންގެ އެންމެ މަޤުބޫލު ދެ ޖޯޑުކަމުގައިވާ ޖުމައްޔިލު ނިމާލު، އަދި މަޖުދާ ފެނިގެންދާއިރު، ފިލްމްގެ އިތުރު މުހިއްމު ތަރިންގެ ތެރޭގައި، ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމް “މާމުއި” އިން މިދާއިރާއަށް ތައާރަފްވި އައިޝަތު ޔާދާ އަދި ކުރީގެ މަޤުބޫލު އެކްޓަރު އިސްމާއިލް ވަޖީހުވެސް ފެނިގެންދާނެއެވެ.
ފިލްމް ރިލީޒްކިރާނެ ވަކި ތާރީޙެއް އަދި އިއުލާންކޮށްފައެއްނުވެއެވެ. އެހެންނަމަވެސް މި ފިލްމް މިއަހަރު ތެރޭގައި ސިނަމާގައި އަޅުވާނެއެވެ.




