2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި ބާސެލޯނާއަށް ޕީއެސްޖީ ކަޓުވާލެވުނީ ވީއޭއާރު ވުޖޫދުގައި ނެތުމުންކަމަށް އޭރު ޕީއެސްޖީގެ ކޯޗަކަން ކޮށްދިން އުނައި އެމެރީ ބުނެފިއެވެ.
ފްރާންސްގެ ފުޓްބޯޅަ މެގަޒިންއަކަށް ދިން އިންޓަރވިއުއެއްގައި އެމެރީ ބުނީ، 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޕީއެސްޖީއިން ވަރަށް މޮޅު ގޭމެއް ކުޅެ ބާސެލޯނާއަ އަތުން މޮޅުވި ކަމަށާއި، ނަމަވެސް ދެވަނަ ލެގުން ބަލިވެ މުބާރާތުން ޕީއެސްޖީ ކަޓައިގެން ދިޔައީ އޭރު ވީއޭއާރު ވުޖޫދުގައި ނެތުމުންކަމަށެވެ. ޕީއެސްޖީ ކެޓުމަށް މެދުވެރިވީ ރެފްރީގެ ނިންމުންތަށްކަމަށްވެސް އޭނާ ބުންޏެވެ.
2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ޕީއެސްޖީއިން ބާސެލޯނާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ކޭމްޕްނޯ ގައި ކުޅެވުނު އެމެޗުގެ ދެވަނަ ލެގު ބާސެލޯނާއިން ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާ ކުއާޓާރއަށް ދަތުރުކުރީ 6-5 ގެ ނަތީޖާއަކުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މުޅި ދުނިޔެ ސިއްސުވާލި މަޝްހޫރު އެމެޗުގައި ބާސެލޯނާއަށް ރެފްރީގެ އެހީތެރިކަން ލިބިފައިވާކަމަށް އެތަށް ބަޔަކު ތުޙުމަތުކޮށްފައިވާއިރު، އެމެޗު އަލުން ކުޅެން ޕެޓިޝަނެއްގައި ސޮއިކުރުންވެސް އެދުވަސްވަރު ކުރިއަށްދިއެވެ.
މިއިންޓަރިވިއުގައި ނޭމާއާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެމެރީ ބުނީ، ނޭމާއަކީ ކޯޗުކޮށްދޭން ފަޞޭޙަކުޅުންތެރިއެއްކަމަށާއި، އަދި ނޭމާއަކީ ފުޓްބޯޅަދެކެ ލޯބިވާ ބޮޑު ހިތެއްގެ ވެރިއެއްކަމަށެވެ. އެންމެ މޮޅު ކުޅުންތެރިޔާއަށްވުމުގެ ހުނަރާއި ޤާބިލުކަން ނޭމާގެ އެބަހުރިކަމަށާއި، އެއީ ނޭމާއަށް ހޯދިދާނެ ކާމިޔާބާއެއްކަމަށްވެސް އެމެރީ ބުންޏެވެ.



