1999 އަހަރު ނުކުތް ސައިންސް ފިކްޝަން އެކްޝަން ފިލްމް “ދަ މެޓްރިކްސް” ސިލްސިލާގެ 4 ބައި އުފެއްދުމުގެ މަސައްކަތްމިހާރު ކުރަމުން އަންނައިރު، ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި "ޕްރިޔަންކާ ޗޯޕުރާ" މި ފަހަރުގެ ފިލްމްއިން ފެނިދާނެ ކަމުގެ ޙަބަރުތަކެއް މީޑިއާގައި ފެތުރިއްޖެއެވެ.
ހޮލީވުޑްގެ ޙަބަރުތައް ބުނާގޮތުން، މެޓްރިކްސްގެ ހަތަރުވަނަ ބައި އުފައްދާ ފަރާތްތަކާއި ޕްރިޔަންކާ އާއި ދެމެދު މިކަމާއި ގުޅޭގޮތުން ވަނީ ވާހަކަދެކެވިފައެވެ.
16 އަހަރު ފަހުން މެޓްރިކްސް ސިލްސިލާގެ 4 ވަނަ ބައި ގެނެސްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް މި ސިލްސިލާގެ 3 ފިލްމެއް ނުކުމެފައިވެއެވެ. އެއީ 1999 ވަނަ އަހަރު ނުކުތް “ދަ މެޓްރިކްސް”، 2003 ވަނަ އަހަރު ރިލީޒްކުރި “ދަ މެޓްރިކްސް ރީލޯޑެޑް” އަދި “ދަ މެޓްރިކްސް ރިވޮލިޔުޝަންސް”އެވެ.
މެޓްރިކްސްގެ ކުރީ ފިލްމްތަކުގެ ލީޑުންވެސް ފެނިގެންދިޔަ ތަރިންކަމުގައިވާ “ކިއާނު ރީވްސް” އަދި “ކެރީ-އެނެ މޮސް” ފިލްމްގައި ކުރިން ފެނިގެންދިޔަ “ނިއޯ” އަދި ޓްރިނިޓީ”ގެ ރޯލު އަދާކުރާނެއެވެ. އަދި “ހައު އައި މެޓް ޔުއާ މަދާ” ގައި “ބާނީ” ގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓަރު ނީލް ޕެޓްރިކް ހެރިސްވެސް މެޓްރިކްސްގެ 4 ވަނަބައިގައި މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ.
“މެޓްރިކްސް 4″ގެވެސް ވާހަކަ ލިޔެ އަދި ޑައިރެކްޓްކުރާނީ މިފަހަރުވެސް ކުރީގެ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ޑައިރެކްޓަރ “ލާނާ ވަޗައުސްކީ”އެވެ.
މެޓްރިކްސް 4 ގެ ޓައިޓަލް ނަންވެސް އަދި މިހާތަނަށް އިއުލާންކޮށްފައިނުވާއިރު، ފިލްމް ރިލީޒްކުރާނެ ތާރީހެއްވެސް އަދި އިއުލާނެއްނުކުރެވެއެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި ފިލްމް ރިލީޒްކުރާނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.



