ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފެށުން ފޮޓޯ: ވިސާމް

ކޮންމެ މަހެއްގެވެސް ފުރަތަމަ ބުރާސްފަތި ދުވަހަކީ ސުޕްރީމް ކޯޓުގެ އޮޕަންޑޭ

އަންނަމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ކޮންމެ މަހެއްގެވެސް ފުރަތަމަ ބުރާސްފަތި ދުވަހަކީ ސުޕްރީމް ކޯޓުގެ އޮޕަންޑޭގެ ގޮތުގައި އެކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދުކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ، ކޮންމެ މަހެއްގެވެސް ފުރަތަމަ ބުރާސްފަތި ދުވަހަކީ އޮޕަން ޑޭ ގޮތުގައި ހަމަޖައްސައި ޢާއްމުކޮށް އެންމެނަށް ސުޕްރީމް ކޯޓަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލަން ނިންމައިފައިވާ ކަމަށާއި ފުރަތަމަ އޮޕަންޑޭ އޮންނާނީ އަންނަމަހުގެ ފަސްވަނަ ދުވަހު ކަމަށެވެ.

މި އޮޕަން ޑޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 03 ސެޝަނަކަށް ބަހާލައިގެން ކަމަށާއި ސެޝަންތައް ކުރިއަށްދާނެ ގަޑިތަކަކީ ހެނދުނު 09:00 އިން 10:00، 10:00 އިން 11:00، އަދި 11:00 އިން 12:00 ކަމަށެވެ. އަދި ކޮންމެ ސެޝަނެއްގައިވެސް ބައިވެރިވެވޭނީ 10 ބޭފުޅުންނަށް ކަމަށްވެސް އެކޯޓުން ކުރި އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ތިން ސެޝަނަށް ކުރިއަށްގެންދާ ޓުއާތަކުގައި ކޯޓުގެ ސެކްޝަންތަކަށް ޒިޔާރަތްކޮށް ކުރާ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު ދިނުމާއި، ޝަރީޢަތުގެ މަޖިލިސް އަދި ކޯޓުގެ ޢިމާރާތް ދައްކާލުން ހިމެނޭނެ ކަމަށާއި މީގެއިތުރުން، ސެޝަން ކުރިއަށްދާ ގަޑީގައި ކޯޓުގައި ޝަރީޢަތެއް ކުރިއަށްދާނަމަ ޝަރީޢަތަށް ވަނުމުގެ ފުރުޞަތުވެސް ދެވޭނެކަމަށް ސުޕްރީމް ކޯޓުން މައުލޫމާތު ދެއެވެ.

ކުރިން ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި ތީމުގޭގައި ހިނގަމުންދާ ސުޕްރީމް ކޯޓަކީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ބަލަހައްޓާ ތަނެއް ކަމަށް ވާތީ މީގެ ކުރިން އެތަނުގެ އެތެރެ އާންމުކޮށް ފެންނާނީ ޝަރީއަތްތަކަށް ހާޒިރުވާ މީހުންނަށް އެކަންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ