ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާއިމެދު ބޯޑުން ވަކި ގޮތެއް ނިންމާފައިނުވޭ: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާއިމެދު ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާކަމަށް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާއިމެދު އެކި ނޫސްތަކުގައި ޚަބަރު އާންމުކޮށްފައިވާއިރު، ހުޅުމާލެއިން ބިން ވިއްކުމާއިމެދު އެކޯޕަރޭޝަންގެ ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ.

އެޗްޑީސީ އިން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހުޅުމާލެއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން މާސްޓަރ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުންދާ ރަށެއްކަމަށެވެ. މި މާސްޓަރ ޕްލޭން ފަރުމާކުރެވިފައިވަނީ އެކި ބޭނުންތަކަށް ހާއްސަކުރެވިގެން ކަމަށާއި މިގޮތުން، ރެސިޑެންޝަލް، ކޮމަރޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް މި މާސްޓަރ ޕްލޭންގައި ޖާގަދެވިފައި ވީނަމަވެސް އެންމެ ބޮޑު ޙިއްސާއެއް ހާއްސަކުރެވިފައިވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރާއިއެކު އެޗްޑީސީ އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ ފޯރުކޮށްދިނުމަށްޓަކައި ތަޢާރަފްކުރެވޭ މަޝްރޫޢުތަކަށް ކަމަށެވެ.

ވެށިފަހި ޕްރޮގްރާމުގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ ފަރާތްތަކަށް މިއަހަރު ހުޅުމާލެއިން ގޯތި ދޫކުރެވޭނެ ކަމަށްވެސް އެޗްޑީސީއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އަދި މިގޮތުން، މިއަހަރު ތެރޭގައި ހައްގުވެރި ފަރާތްތަކަށް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެޗްޑީސީ އިން ކުރަމުންދާކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ