ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އޮސްމާން ޑެމްބެލޭ 6 މަސް ދުވަހަށް ކުޅުމާއި ދުރަށް ދާންޖެހިއްޖެއެވެ.
ބާސެލޯނާއިންވެސް އެކަން ކަށަވަރުކޮށްދީފައިވާއިރު، މިސީޒަންގައި އަނިޔާގެ މައްސަލަތަކާއި ކުރިމަތިވެފައިވާ ޑެމްބެލޭއަށް އެންމެފަހުން އަނިޔާވީ، މީގެ ހަފްތާއެއް ކުރިން ބާސެލޯނާގެ ޓްރެއިނިންގގައި އުޅެނިކޮށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑޯޓުމުންޑާއި ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ޑެމްބެލޭ އެމެޗުގެ ފުރަތަމަ ހާފުގައި ބަދަލުކޮށްފައިވާއިރު، އޭނާއަށްވަނީ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހުނެވެ. އަދި ދުވަސްތަކަށްފަހު މިއަހަރުގެ ޖެނުއަރީ މަހުގެ ފަހު ކޮޅު ބާސެލޯނާގެ ފަރިތަކުންތަކުގައި ބައިވެރިވާން ފެއްޓި ޑެމްބެލޭ މެޗެއް ނުކުޅެވި އުޅެނިކޮށް އަނެއްކާވެސް މިވަނީ ކުޅުމާއި ދުރަށް ދާންޖެހިފައެވެ.
⚠️ MEDICAL UPDATE | @Dembouz undergoes successful hamstring surgery; French striker to be out 6 months
— FC Barcelona (from ?) (@FCBarcelona) February 11, 2020
އުމުރުން 22 އަހަރުގެ ޑެމްބެލޭގެ ކަނާތު ފައިގެ ފަލަމަސްގަނޑު އިރައިގެން ގޮސް ލިބުނު އަނިޔާއިން އެއްކޮށް ރަނގަޅުނުވެ، އަނެއްކާވެސް އިތުރު އަނިޔާއާއި ކުރިމަތިވެފައިވާއިރު މިއީ މިސީޒަނުގައި ކުރިމަތިވި އަނިޔާގެ ތިން ވަނަ މައްސަލައެވެ.
ޖަރުމަނުގެ ބްރޯސިއާ ޑޯޓުމުންޑް ދޫކޮށް 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ޑެމްބެލޭ ބާސެލޯނާއާއި ގުޅުނީ 147 މިލިއަން ޔޫރޯގެ އަކަށެވެ. މިސީޒަންގައި ޑެމްބެލޭ ލަލީގާގައި ކުޅެފައިވަނީ އެންމެ 5 މެޗުގައެވެ. މިސީޒަނުގެ ބާކީ މެޗުތައް ޑެމްބެލޭއަށް ގެއްލިފައިވާއިރު، އަންނަ ޖޫން މަހު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އޭނާ އަށް ގެއްލިގެންދާނެކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.
ޑެމްބެލޭގެ އިތުރުން ބާސެލޯނާގެ ކުރިއަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް ދާދިފަހުންކުރި ކަކުލުގެ އޮޕަރޭޝަނާއެކު އޭނާއަށް މިސީޒަންގެ ބާކީބައި ނުކުޅެވޭނެއެވެ. މިއީ ޓްރާންސްފާ ސީޒަންކަމުގައި ނުވާތީ، މިދަނޑިވަޅުގައި ބާސެލޯނާއަށް އިތުރު ފޯވާޑު ގެންނަން ބޭނުންނަމަ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން ބާސެލޯނާގެ ޙާލަތު އަންގައިދޭ ރިޕޯރޓެއް ހުށަހަޅަންޖެހިފައިވާއިރު ސުވާލަކީ ބާސެލޯނާގެ ހުށަހެޅުމަށް ފެޑެރޭޝަނުން އެއްބަސްވާނެކަމާމެދުއެވެ.
މިވަގުތު ބާސެލޯނާގެ ކުރިއަށް ކުޅެން ހުރީ ސީނިއާރ އެންމެ ދެކުޅުންތެރިންނެވެ. އެއީ މެސީއާއި ގްރިޒްމަންއެވެ.



