އަނިޔާވެރި ގޮތަކަށް ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރު ޤާސިމް ހަސަންގެ މަރުގެ ދައުވާލިބޭ އަދްހަމް މުޙައްމަދުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށަން ނިންމައިފިއެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު މެންދުރުކުރި 10:30 ގައެވެ.
ޤާސިމް ހަސަންގެ މަރުގެ މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ޅ.ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުޙައްމަދުގެ މައްޗަށެވެ.
ޕީޖީ އޮފީހުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮރެސެކިއުޓަރ ޖެނެރަލް ވިދާޅުވީ، މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގައި ޝަރީއަތުގައި، ދައުވާލިބޭ ފަރާތުން ހާދިސާ ހިނގާދިޔަ ގޮތް ތަފްސީލުކޮށް ކިޔައިދޭނެ ކަމަށެވެ.
ޕީޖީ ވިދާޅުވީ، ކުށަށް އިއުތިރާފްވާ ފަރާތްތަކާއެކު ވުމުގެ ބާރު ލިބޭ އެއްބަސްބުން އަދުހަމް އާއި އެކު ވެފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ވަރަށް ގިނަ ވަގުތާއި ހަރަދު ސަލާމަތްވާނެ ކަމަށެވެ. އަދި އަދުހަމް އަށްވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
ޤާސިމް ހަސަންގެ މަރުގެ ދައުވާ ލިބޭ އަދުހަމް މުޙައްމަދު ޝަރީއަތުގެ މަރުހަލާގައި އިއުތިރާފަށް އިންކާރު ކުރ ނަމަވެސް، ކުށް ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށްވެސް ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.