ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ޤަވައިދަށް ފެއްތުމަށްޓަކައި ސަރުކާރުން ފަށާފައިވާ ރަޖިސްޓްރޭޝަން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 31،000 ބިދޭސީން ރަޖިސްޓަރ ކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ ބިދޭސީން ޤަވާއިދަށް ފެއްތުމުގެ ޕްރޮގްރާމު ހުޅުވާލީ 6 މަސް ދުވަހަށް ކަމަށާއި މިހާތަނަށް 31،000 ބިދޭސީން މި ޕްރޮގްރާމުގެ ތެރެއިން ރަޖިސްޓްރީކުރެވިފައި ވާއިރު މިހާރުވެސް ބާރު ސްޕީޑެއްގައި މި ޕްރޮގްރާމު ކުރިއަށްދާކަމަށެވެ.
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ޚާއްސަ ޙަރަކާތެއް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މި ޕްރޮގްރާމުގެ ދަށުން މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ބިދޭސީން ރެގިއުލަރައިޒްކުރުމަށް ސަރުކާރުން އެކި ރަށްރަށުގައި ދަނީ މި ޕްރޮގްރާމް ހިންގަމުންނެވެ.
ގަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައަކީ ހައްލުކުރަން ދަތިވެފައިވާ ބޮޑު މައްސަލައެކެވެ.



