ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ޖަރުމަނުގެ ބޮރޯސިއާއި ޑޯޓުމުންޑާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި ނޭމާއަށް ކުޅެވޭނެކަމުގެ %100 ޔަޤީންކަން ނެތްކަމަށް އެކްލަބުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
ނޭމާ މިހާރުވެސް އަންނަނީ މިމަހުގެ ކުރީކޮޅު ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ. މޮންޕެލިއޭ އަތުން 5-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައި ލިބުނު އަނިޔާ އިތުރުވެފައިވަނީ އޭގެ 24 ގަޑިއިރު ފަހުން ބޭއްވި ނޭމާގެ އުފަންދުވަހުގެ ޕާޓީއެއްގައިކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ސަބަބުން ލީގު 1 ގައި ނަންޓޭސްއާއި ލިޔޯންއާއި ދެކޮޅަށް ކުޅުނު ނޭމާއަށް ގެއްލިފައިވާއިރު، ރޭ ފްރެންޗް ކަޕްގައި ޑިޔޯންއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ނޭމާ ކުޅެފައެއް ނުވެއެވެ. ފްރެންޗް ކަޕް ކުއާޓަރ ފައިނަލްގައި ރޭ ޑިޔޯންއާއި ދެކޮޅަށް ކުޅުނު ޕީއެސްޖީއިން ފަސޭޙަކަމާއެކު ކާމިޔާބުކޮށްފައިވަނީ 1-6 ނަތީޖާއަކުންނެވެ.
"ވާހަކަ ދެއްކުމަށްފަހު ހުކުރު ދުވަހު ގޮތެއް ނިންމާނަން." ޓުޗެލް ބުންޏެވެ.
މީގެއިތުރުން ޓުޗެލްބުނީ، ޑޯޓުމުންޑާއި ދެކޮޅަށް ނޭމާއަށް ކުޅެވޭނެކަމުގެ %100 ޔަޤީންކަން ދެވެން ނެތްކަމަށާއި، އެހެންނަމަވެސް އެމެޗަށް ފިޓްވާން ނޭމާ ކޮންމެހެން އިތުރު މެޗުތަކެއް ކުޅެން ނުޖެހޭކަމަށެވެ.
ޓުޗެލް އިޝާރާތްކޮށްފައިވަނީ ލީގު 1 ގައި ކުރިއަށްއޮތް މެޗަށެވެ. އެގޮތުން އެމިއެންސްއާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީ ނުކުންނަ މެޗުންވެސް ނޭމާ ފެނުން އެކަށީގެނެއްނުވެއެވެ.
ވޭތުވެދިޔަ ތިން ސީޒަންގައިވެސް ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޕީއެސްޖީ ކަޓާފައިވާއިރު، މިކަން މިސީޒަންގައި ތަކުރާރުވިޔަ ނުދިނުމަށް ޕީއެސްޖީއިން އެޅެންއޮތް ހުރިހާ ފިޔަވަޅެއް އަޅާނެކަން ޔަޤީނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ޑޯޓުމުންޑާއި ދެކޮޅަށް ޕީއެސްޖީ ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. ޑޯޓުމުންޑު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ އެރޭ 01:00 ގައެވެ.



