އަޔަކްސް ގެ މެދުތެރެއަށް ކުޅެމުންއައި މޮރޮކޯގެ ހަކީމް ޒިޔެކްއާއެކު ޗެލްސީއިން އެއްބަސްވުމަކަށް އައިސްފައިވާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
ރިޕޯރޓްތައް ބުނާގޮތުން އުމުރުން 26 އަހަރުގެ ޒިޔެކް ޗެލްސީއިން ގަނެފައިވަނީ 45 މިލިއަން ޔޫރޯއަށެވެ.
އަޔަކްސްގެ ކޯޗުވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު، ފޮކްސް ސްޕޯޓްސްއަށް ދިން އިންޓަރވިއުއެއްގައި އޭނާބުނީ، މިއީވާނޭކަމަށްކަން ކުރިންވެސް އެނގޭކަމަށާއި، ސީޒަން ނިމެންދެން ޒިޔެކް އަޔަކްސްގައި މަޑުކުރަން ނިންމުމުން އެކަމާ އުފާވާ ކަމަށެވެ.
11 މިލިއަން ޔޫރޯއަށް އެފްސީ ޓްވެންޓޭ ދޫކޮށް 2016 ވަނަ އަހަރުގެ އޮގަސްޓްމަހު އަޔަކްސްއާއި ގުޅުނު ޒިޔެކް އެކްލަބުގައި ހޭދަކުރި ދުވަސްތަކުގައި 159 މެޗު ކުޅެފައިވާއިރު، 48 ލަނޑު އަޔަކްސްއަށް ކާމިޔާބުކޮށްދީ، 82 އެސިސްޓް ހަދާދީފައިވެއެވެ.
އަޔަކްސް މެދުތެރޭގައި މޮޅުކުޅުމެއް ދަންކަމުން އަންނަ ޒިޔެކްއަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ފާރަލަމުންދަނިކޮށް ޗެލްސީއިން ޒިޔެކްއާއެކު އެއްބަސްވުމަށް އައިސްފައިވާއިރު، ޒިޔެކް ޗެލްސީ ޖާޒީގައި ފެނިގެންދާނީ އަންނަ ސީޒަނުން ފެށިގެންނެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި އަޔޭކްސް ފަރާތުން ތަފާތު މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. އެއާއެކު އެކްލަބުގެ ކުޅުންތެރިން ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މަސައްކަތްތައް ފެށިއެވެ. އެގޮތުން ސީޒަން ނިމުމުން ބާސެލޯނާއިން ޑިޔޯން ގެންދިޔައިރު ޑެލީޓް ދިޔައީ ޔުވެންޓަސްއަށެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ހައިރާންކުރަނިވި ނަތީޖާތަކެއް ނެރުނު އަޔަކްސް އިންވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެއްވަރުކޮށްފައެވެ. ދެ ވަނަ ބުރުގައި، ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ތަށި އުފުލާލި ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ކުއާޓާ ފައިނަލުގައި ވަނީ އިޓަލީގެ ގަދަބާރު ޔުވެންޓަސްގެ މައްޗަށް ކުރިހޯދައިފައެވެ.
މިސީޒަންގެ ޗެމްޕިއަންސް ލީގުގައި އަޔަކްސްއަށް ކުރީ ސީޒަނުގައި ނެރެވުނުފަދަ ރަނގަޅު ކާމިޔާބީއެއް ހޯދިފައިނުވައިރު، މުބާރާތުން ކަޓައިގެންދިޔައީ ގްރޫޕްގެ ތިންވަނާގައިއޮވެއެވެ. ނަމަވެސް ނެދަރލޭންޑް ލީގުގެ އެއްވަނާގައި އަޔަކްސްއޮތީ 50 ޕޮއިންޓާއެކުގައެވެ. ޒިޔެކްވަނީ މިސީޒަންގައި ލީގުގައި ކުޅުނު 18 މެޗުން 6 ލަނޑުޖަހައި 13 އެސިސްޓް ހަދާފައެވެ.




