މަސްތުވާތަކެއްޗާއެކު އުމުރުން 23 އަހަރުގެ ދެ ފިރެހެނުން ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މީގެތެރެއިން އެކަކު ލ. ގަމުން ޙައްޔަރުކޮށްފައިވާއިރު އަނެއްމީހާ ޙައްޔަރުކުރީ ށ. މިލަންދޫއިންކަމަށެވެ.
ގަމުން ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކޮށްފައިވަނީ ގަމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، މިއޮޕަރޭޝަނުގައި އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާށް 15 ދުވަހުގެ މުއްދަތެއް ލ. ގަން މެޖިސްޓްރޭޓް ކޯޓުން ދީފައިވާއިރު، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައާ ގުޅިގެން އިތުރު 15 ދުވަހާއެކު ޖުމްލަ 30 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
އަދި މިލަންދޫއިން ޙައްޔަރުކުރެވުނު މީހާ މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ނުވަ ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމީހާގެ ބަންދަށް ށ. ފީވަކު މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މިދެމައްސަލަވެސް ފުލުހުންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.