ކޮޕައިޓާލިއާ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ފަހުވަގުތު ޖެހި ލަނޑާއެކު ރޮނާލްޑޯ ޔުވެންޓަސް ސަލާމަތްކޮށްދީފިއެވެ.
ސޭސީރޯގައި ކުޅެވުނު މިމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.
ވަރުގަދަ މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހިއެވެ، މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ 61 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު، އޭސީ މިލާނުން ކާމިޔާބުކުރި މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ރެބިޗެވެ. މިލަނޑާއެކު އޭސީ މިލާން ކުރީގައި އޮވެ މެޗު ނިމެންދަނީކަމަށް ހީކުރެވުނުނަމަވެސް ޔުވެންޓަސްއިންވަނީ މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަކޮށްފައެވެ.
Cristiano Ronaldo converts 90th min penalty, when the pressure was truly on. Thats now his 35th goal this season (club & country) ?? #CoppaItalia #MilanJuve #Ronaldo pic.twitter.com/EiQ1NQiLiI
— CR. (@CR_Bestever) February 13, 2020
ރޮނާލްޑޯ އޯވަހެޑް ކިކަކުން ފޮނުވާލި ހަމަލާ އޭސީ މިލާންގެ ކަލަބްރިއާ އަތުން ދިފާޢުކުރިކަމަށް ވީއޭއާރު ބެލުމަށްފަހު ނިންމާފައިވާއިރު މިހާދިސާއާއި ގުޅިގެން ލިބުނު ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކޮށްފައިވަމީ މެޗުގެ 91 ވަނަ މިނަޓްގައެވެ. މިއީ ރޮނާލްޑޯ ޖެހިޖެހިގެން ލަނޑުޖެހި 11 ވަނަ މެޗެވެ. 2020 ވަނަ އަހަރު މިހާތަނަށް ރޮނާލްޑޯ ކުޅުނު 8 މެޗުގައިވެސް އޭނާވަނީ ލަނޑުޖަހާފައެވެ.
ރޭގެ މެޗުގައި 1 ރަތްކާޑުވެސް ވަނީ ފެނިގެން ގޮސްފައެވެ. ދެވަނަ ރީނދޫކާޑާއެކު 71 ވަނަ މިނަޓްގައި ފެނިގެންދިޔަ މިރަތްކާޑު ދައްކާފައިވަނީ އޭސީ މިލާންގެ ތިއޯ ހެނަންޑޭޒްއަށެވެ. އަދި ޔުވެންޓަސްގެ ކީޕަރު ބުފަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ބުފަންވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ރޭގެ މެޗުގައި ދިފާޢުކޮށްފައެވެ.
މިމެޗުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ރެއެވެ.




