މިސީޒަންގައި ސްޕެނިޝް ލަލީގާ ކާމިޔާބުކުރުން އެންމެގާތީ ރެއަލްމެޑްރިޑްކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.
ވަލްވާޑޭވަނީ ބާސެލޯނާގެ ކޯޗު ކަމުގައި ހޭދަކުރި ދެ ސީޒަންގައިވެސް ބާސެލޯނާއާއެކު ލަލީގާ ކާމިޔާބުކޮށްފައެވެ. އަދި މިސީޒަންގައި ވަލްވާޑޭ ބާސެލޯނާގެ ކޯޗުކަމުން ވަކިކުރިއިރުވެސް އެކްލަބު އޮތީ ތާވަލްގެ އެއްވަނާގައެވެ. ނަމަވެސް އާ ކޯޗު ކީކޭ އިރުޝާދުގެ ދަށުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ދަށްވެ ބާސެލޯނާ ތާވަލްގެ ދެވަނައަށް ވެއްޓުނީއެވެ.
ވާދަވެރި ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނާގައި އޮތީ 3 ޕޮއިންޓްގެ ލީޑަކާއެކުގައެވެ.

މިފަހަކަށް އައިސް ބާސެލޯނާއިން ލަލީގާއަށް އަތްގަދަކޮށްފައިވާއިރު، އެންމެފަހުން ކުޅުނު 11 ސީޒަންގެ ތެރެއިން 8 ސީޒަނެއްގައި ބާސެލޯނާއިން ލަލީގާ ކާމިޔާބުކޮށްފައިވެއެވެ. ރެއަލްމެޑްރިޑަށް މިމުބާރާތް އެންމެފަހުން ކާމިޔާބުކުރެވުނީ 2017 ވަނަ އަހަރުއެވެ.
"ރެއަލްމެޑްރިޑްގެ ކުޅުން ވަރަށް މޮޅު އަދި ވިސްނުންހުރީ ލީގު ކާމިޔާބުކުރުމަށް" ވަލްވާޑޭ ބުންޏެވެ.
މީގެއިތުރުން ވަލްވާޑޭ ބުނީ، ދިމާވި ކަންތައްތަކާއި ދުރުގައި ހުންނަން ވަރަށް މަސައްކަތް ކުރާކަމަށާއި، ވޭތުވެދިޔަ އެއްމަހުގެ ތެރޭގައި ބަލާފައިވަނީ އެތުލެޓިކް ކްލަބާއި ބާސެލޯނާ ބައްދަލުކުރި މެޗު އެކަނިކަމަށެވެ.
ވަލްވާޑޭ ބާސެލޯނާގެ ކޯޗުކަމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ. ސްޕެނިޝް ސުޕަރކޮޕާ ސެމީ ފައިނަލްގައި 3-2 ގެ ނަތީޖާއަކުން އެތުލެޓިކޯއަތުން ބާސެލޯނާ ދަށްވިމެޗަށްފަހުގައެވެ.




