ބުންޑެސްލީގާގައި ރޭ އައިންޓްރެޗްއާއި އަތުން މޮޅުވެ ބޮރޯސިއާ ޑޯޓުމުންޑްއިން ބުންޑެސްލީގާގެ ރެކޯޑަކާއި ހަމަހަމަކުރިއިރު، އެކްލަބަށް ކުޅެމުން އަންނަ ޒުވާން އާލިން ހާލަންޑު އިތުރު ރެކޯޑެއް ހަދައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ޑޯޓުމުންޑްއިން ފަޞޭޙަކަމާއެކު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
ޑޯޓުމުންޑްއިން ކޮންޓްރޯލްކުރި މިމެޗުގައި އެކްލަބުގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޕިސެޒް، ސަންޗޯ އަދި ހާލަންޑްގެ އިތުރުން ގެރެއިރޯއެވެ.
ރޭގެ މޮޅާއެކު ޑޯޓުމުންޑްއިންވަނީ ސީޒަންގައި ކުޅުނު ފުރަތަމަ 22 މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑެއް ހަދާފައެވެ. މިރެކޯޑު މީގެކުރިން ބަޔާން މިއުނިކްއާއި ހެމްބާގުވެސްވަނީ ހަދާފައެވެ. ބަޔާން މިރެކޯޑު ހަދާފައިވަނީ 1973-74 ސީޒަންގައެވެ. އަދި ހެމްބާގު މިރެކޯޑު ހަދާފައިވަނީ 1981-82 ސީޒަންގައެވެ.
63 - @BlackYellow's 63 goals after 22 matchdays are a joint #Bundesliga record with Bayern 1973-74 and Hamburg 1981-82. Power. #BVBSGE pic.twitter.com/S8uN9dj5Nc
— OptaFranz (@OptaFranz) February 14, 2020
ރޭގެ މެޗުގައި އިންގްލޭންޑްގެ ޤައުމީޓީމުގެ ތަރި ސަންޗޯ އެއް ލަނޑު ޖަހާފައިވާއިރު، އެއީ މިސީޒަންގައި އޭނާ ޑޯޓުމުންޑަށް އެންމެފަހުން ކުޅެދިން 14 މެޗުން ކާމިޔާބުކޮށްދިން 12 ވަނަ ލަނޑެކެވެ. އުމުރުން 19 އަހަރުގެ ސަންޗޯ މިސީޒަންގެ ބުންޑެސްލީގާގައި މިހާތަނަށް 13 ލަނޑު ޖަހާދީފައިވާއިރު، 13 އެސިސްޓްވަނީ ހަދާފައެވެ.
މީގެއިތުރުން ޒުވާން އާލިން ހާލަންޑު ރޭ ކާމިޔާބުކޮށްދިން ލަނޑަކީ ޑޯޓުމުންޑަށް އޭނާ ކުޅެދިން ފުރަތަމަ ހަ މެޗުން ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. އަދި ރޭގެ ލަނޑާއެކު ބުންޑެސްލީގާގައި ކުޅުނު ފުރަތަމަ 5 މެޗުން 8 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށް އުމުރުން 19 އަހަރުގެ ހާލަންޑްވަނީ ވެގެން ގޮސްފައެވެ.
22 މެޗުން ލިބުނު 42 ޕޮއިންޓާއެކު ޑޯޓުމުންޑް އޮތީ ތާވަލްގެ ދެވަނާގައެވެ.



