އެމެރިކާގައި އެލްކްލެސިކޯ މެޗެއް ކުޅުމަށް ބާސެލޯނާއާއި ރެއަލްމެޑްރިޑުން ތައްޔާރުވަމުން އަންނަކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
ރިޕޯރޓްތައް ބުނާގޮތުން މިމެޗު ކުޅުމަށް ރާވަނީ އެމެރިކާގެ މަޝްޙޫރު ބޮޑު ސިޓީއެއްގައެވެ. އެގޮތުން ލަސްވޭގަސް އަދި ލޮސް އެންޖެލެސްގެ ވާހަކަ ދެކެވެމުން އަންނައިރު، ލަސްވޭގަސްގައި މިހާރު ހަދަމުންދާ އަލީޖެންޓް ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން މިއެލްކްސިކޯ މެޗު ރާވަމުން އަންނަކަމަށްވެސް ކުރިން ރިޕޯރޓްކޮށްފައިވެއެވެ.
އެންމެފަހުން އެމެރިކާގައި އެލްކްސިކޯ މެޗެއް ކުޅެފައިވަނީ 2017 ވަނަ އަހަރުއެވެ. އެމެރިކާގެ މިއާމީގައި ކުޅެވުނު މިމެޗަކީ އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ކުޅެވުނު މެޗެވެ. ހާޑްރޮކް ސްޓޭޑިއަމްގައި ކުޅެވުނު އެމެޗުން ރެއަލްމެޑްރިގެ މައްޗަށް ބާސެލޯނާއިން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
އިތުރު އެލްކްސިކޯ މެޗަކަށް އެމެރިކާއިން ތައްޔާރުވަމުން އަންނައިރު، މުބާރާތެއްގެ ބޭރުން ރާވާ މިމެޗު ކުޅޭނެ ވަކި ތާރީޚެއް އަދި ނޭނގެއެވެ. އެހެންނަމަވެސް ބޮޑަށް ލަފާކުރެވޭގޮތުގައި މިމެޗު ކުޅޭނީ މިއަހަރު ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯއާއި ކޮޕާ އެމެރިކާއަށް ފަހުގައެވެ.
ސްޕެއިންގެ ވާދަވެރި ދެކްލަބުކަމަށްވާ ރެއަލްމެޑްރިޑާއި ބާސެލޯނާއާއިދެމެދު ކުޅެވޭ އެލްކްސިކޯ ނަމުން މަޝްހޫރުވެފައިވާ މިމެޗުތަކަކީ އެތަށް ބަޔަކު އެމެޗަކަށް އިންތިޒާރުކުރާ، އަބަދުވެސް ތަފާތު ގިނަ ކަންތައްތަކެއް ދަނޑުމަތިން ފެނިގެންދާ ފޯރިގަދަ މެޗުތަކަކެވެ.




