ސިވިލް ސަރވިސްގެ ބަފްދު އިންޑިއާއަށް ފުރުން - ފޮޓޯ: ސިވިލް ސަރވިސް ކޮމިޝަން

ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި

އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" ގެ ދައުވަތަކަށް ދިވެހި ސިވިލް ސަރވިސްގެ 28 މުވައްޒަފަކު އިންޑިއާއަށް ފުރައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުރި މި ޓީމުގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގެ މުވައްޒަފުންގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ ބައެއް މުވައްޒަފުންވެސް ހިމެނެއެވެ.

މިމަހުގެ 07 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގް ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ މި ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވާ މައި މަރުކަޒު، މައިސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައި ކަމަށެވެ.

ދެވަނަ ހަފުތާގައި ދެހެރާދުން، އުއްތަރުކަންޑު އަދި ނިއުދިއްލީ ގެ އެކި އިދާރާތަކާއި، ހާއްސަ ހެރިޓޭޖް ސައިޓުތަކަށާއި މަޝްޙޫރު ބައެއް ތަންތަނަށް ޒިޔާރަތްކޮށް އިޖްތިމާޢީ އަދި ހިންގުމުގެ ދާއިރާ އާ ގުޅޭ ތަޖުރިބާ ހޯދުމަށާއި، އިންޑިއާގެ ތަރައްޤީގެ ކަންކަން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.

މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓްޓިއުޓްގެ ސީނިއަރ ޓްރެއިނިންގް ކޯޑިނޭޓަރ އާމިނަތު ރުޝްމާއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް