އިންގްލިޝް ފުޓްބޯޅައިގައި ސަޑިއޯ މާނޭ ކާމިޔާބުކޮށްދިން 100 ވަނަ ގޯލާއެކު ނޯވިޗް އަތުން ލިވަޕޫލް ހަނިގޮތަކަށް މޮޅުވެއްޖެއެވެ.
އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ނޯވިޗްއާއި ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާނޭ ކާމިޔާބުކޮށްދިންއިރު، މެޗުގެ 78 ވަނަ މިނަޓްގައި ފެނިގެން ދިޔަ މިލަނޑަކީ މަތިން އައި ބޯޅައެއް ހިތްގައިމުކަމާއެކު ކޮންޓްރޯލްކޮށް އޭރިއާ ތެރޭހުރެ ގޯލުގެ އަރިމަތީ ތިރީ ކަނަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އަދި މިއީ ބަދަލުކުޅުންތެއެއްގެ ގޮތުގައި ކުޅެންއަރައި ޕްރިމިއާ ލީގުގައި މާނޭ ޖެހި ފުރަތަމަ ލަނޑެވެ.
މިއީ އިންގްލޭންޑްގައި މާނޭ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެކެވެ. އޭނާ ކުރިން ކުޅުނު ކްލަބު ސައުތުހެމްޓަންއަށް 25 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، މާނޭވަނީ ލިވަޕޫލަށް މިހާތަނަށް 75 ލަނޑު ކާމިޔާބުކޮށްދީފައެވެ.
100 - Sadio Mane's opener for Liverpool was his 100th goal for English clubs across all competitions (75 for Liverpool and 25 for Southampton). Breakthrough. #NORLIV pic.twitter.com/TRc7RaZukb
— OptaJoe (@OptaJoe) February 15, 2020
ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް އެކްލަބަށް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފިރްމީނޯއަށާއި ކެއިޓާއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރޭގެ މެޗުގައި ނުރައްކާތެރި ހަމަލާތަކެއް އުފަންދަމުންއައި ލިވަޕޫލް ހުއްޓުވުމުގައި ނޯވިޗް ޑިފެންސުން ދެއްކި މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.
ރޭގެ މޮޅާއެކު ލިވަޕޫލުންވަނީ އާސެނަލްއިން ބަލިނުވެ 49 މެޗު ފުރިހަމަކޮށް ހެދި ރެކޯޑާއި ގާތްކޮށްފައެވެ. ލިވަޕޫލްވަނީ ޕްރިމިއާ ލީގުގައި ބަލިނުވެ 43 މެޗު ހަމަކޮށްފައެވެ. އެންމެފަހުން ކުޅުނު 17 މެޗުންވެސް ލިވަޕޫލް މޮޅުވެފައިވާއިރު، އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗު ނިންމާލާފައިވަނީ ލިވަޕޫލް ކޮޅަށް ލަނޑެއް ވަނަނުދީއެވެ.
މިސީޒަންގެ ލީގު އެއްވެސް މެޗަކުން ބަލިވެފައިނުވާ ލިވަޕޫލް ތާވަލްގެ އެއްވަނާގައި އޮތީ 26 މެޗުން ލިބުނު 76 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް މެންޗެސްޓާރ ސިޓީއަށް 25 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.
								
											


														
														
														
														
														
														