2020 ފެބުރުވަރީ 13 ވީ ބުރާސްފަތި ދުވަހު އިންޑޮނޭޝިއާއިން ހަތަރު ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، 2020 ފެބްރުއަރީ 13 ވަނަ ދުވަހު މެލޭޝިޔާ މަގުން ރާއްޖެއިން އިންޑޮނީޝިއާއަށް ދިޔަ 4 ދިވެހިން ހައްޔަރު ކުރިކަމުގެ މަޢުލޫމާތެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ހަތަރު ދިވެހިންގެ ތެރޭގައި ޝައިޚް މުޙައްމަދު ހަސަންވެސް ހިމެނެއެވެ. ދީނީ ގޮތުން ހައްދު ފަހަނައަޅެމަށް ހިތްވަރު ލިބޭގޮތަށް ދީނީ ނަސޭހަތް ދިނުމާއި، ދީނީ ގޮތުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއިން އޭނާގެ ހުއްދަވެސް ވަނީ މީގެ ކުރިން ބާޠިލްކޮށްފައެވެ.
"ހައްޔަރު ކޮށްފައިވަނީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުންކަމަށް ކަމާބެހޭ އިދާރާތަކުން ދިވެހި ފުލުހުންނަށް މަޢުލޫމާތު ލިބިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިހާރު މި 4 މީހުން ވަނީ ދޫކޮށްލާފައިވާ ކަމަށާއި، 2020 ފެބްރުއަރީ 15 ވަނަ ދުވަހު އެ 4 މީހުންވެސް އެނބުރި ރާއްޖެ އައިސްފައިވާ ކަމަށެވެ.
މި ހަތަރު މީހުން ހައްޔަރުކުރި ސަބަބުން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.




