މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އިނގުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދެދިވެހިންކަމަށާއި، އެއީ އުމުރުން 34 އަހަރުގެ ފިރިހިނެކާއި 40 އަހަރުގެ ފިރިހެނެއްކަމަށެވެ.
އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިނގުރައިދޫގައި މަސްތުވާތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، މިއޮޕަރޭޝަންގައި މި ދެ މީހުން ހައްޔަރުކޮށް އެމީހުން ދިރިއުޅޭ ގެ، އެ ގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.
ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުން މިދެމީހުންނަށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އުމުރުން 34 އަހަރުގެ މީހާއަށް ދީފައިވަނީ ދެ ދުވަހުގެ މުއްދަތެކެވެ. އަދި 40 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މިމައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




