ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ސްރީލަންކާގެ 25 މަސްވެރިއަކު ދޫކޮށްލަން ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ސްރީލަންކާއިން ބުނެފި އެވެ.
އަވަށްޓެރި އިންޑިއާ އާއި ލަންކާގެ މަސްބޯޓްތައް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތުމަކީ އާއްމު ކަމަކަށް ވެފައިވާއިރު، ދާދި ފަހުން ވެސް ރާއްޖޭގެ ސަރަހައްދަށް ވަދެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓުތަކެއް އަތުލައިގަނެ، ލަންކާގެ ހަތަރު މަސްވެރިއަކު ހައްޔަރުކޮށްފައިވެއެވެ.
ލަންކާގެ ސަރުކާރު އޮފިޝަލުންނާއި ހަވާލާދީ ލަންކާގެ "ނިއުސް ފަސްޓް" ނޫހުން މިއަދު ބުނެފައިވަނީ، ލަންކާގެ މަސްވެރިންތައް ދޫކޮށްލަނީ އެ ގައުމުގެ ސިންހަޅައިންނާއި ތަމަޅައިގެން އާއަހަރާއި ދިމާކޮށެވެ. ސިންހަޅައިންނާއި ތަމަޅައިންގެ އާއަހަރު ފެށެނީ އޭޕްރިލް 14 ގައެވެ.
ލަންކާގެ ފިޝަރީސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޕަދުމަޕްރިޔާ ތިސޭރާއާ ލަންކާގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ލަންކާގެ މަސްވެރިން އަނބުރާ ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސަން ބޭނުންވާ ފައިސާ ލަންކާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރަތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަންނަ މަސްވެރިންނާ ދެކޮޅަށް ރާއްޖެއިން ދައުވާ ނުކުރާއިރު، ދުވަސްކޮޅަކު ބަނދުގައި ބެހެއްޓުމަށްފަހު އެ ޤައުމުތަކާ ހަވާލުކުރެއެވެ.