ބޮލީވުޑްގެ ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް "ފިލްމު ފެއާ އެވޯޑްސް" ގެ 65 ވަނަ އެވޯޑް ހަފްލާ އިއްޔެރޭ އިންޑިއާގެ އިންދިރާ ގާންދީ އެތްލެޓިކް ސްޓޭޑިއަމްގައި ވަނީ ބާއްވާފަ އެވެ.
ގިނަ ބަޔަކު ޤަބޫލުކުރިގޮތާ އެއްގޮތަށް އަދި ޙިލާފަށްވެސް ފިލްމް ފެއާ އެވޯޑްސްގައި އެވޯޑުތައް ލިބިގެންދިޔައިރު، ހޫކުރި ގޮތާއި އެއްގޮތަށް އެންމެ ގިނަ އެވޯޑުތައް ލިބުނީ ފިލްމް "ގަލީ ބޯއި" އަށެވެ. އެގޮތުން އެ ފިލްމުން އެންމެ މޮޅު ބަތަލާގެ އެވޯޑު އެކްޓްރެސް އާލިއާ ބަޓް އަށް ލިބިގެންދިޔައިރު، އެންމެ މޮޅު ބަތަލުގެ އެވޯޑުވެސް އެ ފިލްމުން ލިބުނީ، ރަންވީރު ސިންހް އަށެވެ.
މީގެ އިތުރުން، ގަލީ ބޯއި ވަނީ، އެންމެ މޮޅު ފިލްމްގެ އެވޯޑު ހޯދުމުގެ އިތުރުން، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑުވެސް އެ ފިލްމުން ޒޯޔާ އަޙްތަރު ހޯދާފައެވެ.
އެއާއެކު، މިފަހަރު ފިލްމް ފެއާ އެވޯޑްސްގެ އެންމެ ގިނަ އެވޯޑުތައް ގެންދިޔައީ ގަލީ ބޯއި އިންނެވެ. އެހެންނަމަވެސް ކްރިޓިކްސް އިން ދޭ އެމީހުންގެ ޗޮއިސް އެވޯޑާއި ފިލްމް ފެއާ އިން ދޭ އެވޯޑާއި މުޅިން ތަފާތެވެ.
ކްރިޓިކްސް ޗޮއިސް އެވޯޑު އެންމެ މޮޅު އެކްޓަރަށް ލިބިފައިވަނީ، ފިލްމް "އާޓިކަލް 15" އިން އަޖުޝްމަން ކުރައްނާއަށެވެ. އަދި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބުނީ، ފިލްމް "ސާންދް ކީ އާންހް" އިން ބޫމީ ޕަދްނޭކަރް އަދި ތާޕްސީ ޕަންނޫއަށެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ހިތްގައިމު ހުށަހެޅުންތަކުން ފަޅުވިލުވައިދިން މި އެވޯޑް ޝޯގެ ރެޑްކާޕެޓުން ފިލްމީ ދާއިރާގެ ގިނަ ފަރާތްތަށް ވަނީ ފެނިގެން ގޮސްފަ އެވެ.




