ލަލީގާ - ހަޒާޑު އެނބުރިއައި މެޗުން ރެއަލް މެޑްރިޑަށް ޕޮއިންޓެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއަލްމެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބާނަބޯގައި ކުޅުނު މިމެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ތިންމަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެޑެން ހަޒާޑު ރޭވަނީ ރެއަލްމެޑްރިޑަށް ކުޅެފައެވެ.

މެޗުގެ ފުރަތަމާ ހާފު ނިމިގެންދިޔައީ މެޗުގެ ވަރަށް ކުރީކޮޅު ސެލްޓަ ވީގޯއިން ޖެހި ލަނޑަކާއެކު ލީޑުގައި އޮވެގެންނެވެ. މެޗުގެ 7 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ސްމޯލޯވްއެވެ.

ދެވަނަ ހާފު ފެއްޓުމާއެކު ރެއަލްމެޑްރިޑަށް ނަތީޖާ ހަމަހަމަކުރެވުނު ކަމަށް ހީކުރެވުނެވެ. އެހެންނަމަވެސް ބޭލްގެ ހުރަހަކުން މެޗުގެ 49 ވަނަ މިނަޓްގައި ރާމޯސް ކާމިޔާބުކޮށްދިން ލަނޑު ކެންސަލްކުރީ އޮފްސައިޑް ޕޮޒިޝަން އެއްގައި ހުރެ ރާމޯސް ކުޅުމުގެ ސަބަބުންނެވެ.

އޭގެ މާގިނައިރުތަކެއްނުވެ ރެއަލްމެޑްރިޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު، 52 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ މޭސެލޯގެ ހުރަހަކުން ޓޯނީ ކްރޫސް އޭރިތެރޭ ހުރެފައި ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗުގެ 65 ވަނަ މިނަޓްގައި ރެއަލްއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިން ޕެނަލްޓީއިންނެވެ. މިޕެނަލްޓީ ލިބުނީ ސެލްޓަވީގޯގެ ކީޕަރު ބްލެންކޯ އޭރިއާ ތެރެއިން ހަޒާޑަށްކުރި ފައުލަކާއި ގުޅިގެންނެވެ.

ރާމޯސް އެންމެފަހުން ޖެހި 12 ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވާއިރު، ރޭ ކާމިޔާބުކުރި ޕެނަލްޓީއަކީ މިސީޒަންގައި އޭނާ ކާމިޔާބުކުރި ހަތަރު ވަނަ ޕެނަލްޓީއެވެ. މިދިޔަ ސީޒަންގައި ރާމޯސް ޖެހި 8 ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ.

ރެއަލްމެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ މިމެޗުގައި ލަނޑުޖާހެނު ގިނަ ފުރުޞަތުތަކެއް އެކްލަބަށް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ ފަސް މިނަޓް އޮއްވާ ސެލްޓަވީގޯއިން ނަތީޖާ ހަމަހަމަކުރީ ސަންޓި މިނާ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ.

ލަލީގާގައި ބާކީ 14 މެޗު އޮތްއިރު ތާވަލްގެ އެއްވަނާގައި ރެއަލްމެޑްރިޑް އޮތީ ވާދަވެރި ބާސެލޯނާއަށްވުރެ އިތުރަށް 1 ޕޮއިންޓް ލިބިގެންނެވެ. 24 މެޗުން ރެއަލްމެޑްރިޑަށް 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ބާސެލޯނާއޮތީ 52 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ