ލެޖެންޑް ގާޑު މުލާގެ ރެކޯޑަކާއި ރޮބާޓް ލެވެންޑޯސްކީ ހަމަހަމަކޮށްފިއެވެ.
މުލާގެ ރެކޯޑާއި ލެވެންޑޯސްކީ ހަމަހަމަކޮށްފައިވަނީ ރޭ ބުންޑެސްލީގާގައި ބަޔާން މިއުނިކާއި އެފްސީ ކޮލްން ބައްދަލުކުރި މެޗުގައެވެ. މިމެޗު 1-4 ގެ ނަތީޖާއަކުން ބަޔާން ކާމިޔާބުކޮށްފައިވާއިރު، މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ލެވެންޑޯސްކީއެވެ.
މެޗުގެ 3 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑާއެކު ޖަރުމަނުގެ މަތީ ލެވެލް ލީގެއްގެ ސީޒަނެއްގައި ކުޅުނު ފުރަތަމަ 22 މެޗުން 23 ލަނޑުޖެހި ދެވަނަ ކުޅުންތެރިޔާއަށް ލެވެންޑޯސްކީވަނީ ވެގެންގޮސްފައެވެ. މިރެކޯޑު މުލާ ހަދާފައިވަނީ 1975/76 ސީޒަންގައެވެ.
އުމުރުން 31 އަހަރުގެ ލެވެންޑޯސްކީ ރޭ ކާމިޔާބުކުރި ލަނޑާއެކު މިސީޒަންގައި ޤައުމަށާއި ކްލަބަށް އޭނާ ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު 40 އަށްވަނީ އަރާފައެވެ. މިސީޒަންގައި އިތުރު ކުޅުންތެރިއަކު އަދި މިވަރަށް ލަނޑުޖަހާފައެއް ނުވެއެވެ.
ބުންޑެސްލީގާގެ މިސީޒަންގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް ލެވެންޑޯސްކީއެވެ.
Robert Lewandowski has now scored 2⃣3⃣ goals in 2⃣2⃣ Bundesliga games this season.
— Footyzone (@Footyzone_) February 16, 2020
His club record in all competitions this term:
⚽️ 36 goals
? 31 games pic.twitter.com/VHpg4rlfIn
މިސީޒަންގެ ކުރީކޮޅު ބުންޑެސްލީގާގެ ފުރަތަމަ 11 މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑު ހަދާފައިވާ ލެވެންޑޯސްކީ، 1971/72 ސީޒަންގައި ގާޑު މުލާ ހަދާފައިވާ ރެކޯޑު މުގުރާލުންވެސް ގާތެވެ. ސީޒަނެއްގައި 40 ގޯލް ޖަހައި މުލާ ރެކޯޑު ހަދާފައިވާއިރު، މިސީޒަންގައި ލެވެންޑޯސްކީ މިހާތަނަށް ބަޔާންއަށް 36 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
ރޭގެ މެޗުގައި ބަޔާންއިން ފުރަތަމަ 12 މިނަޓްގައި 3 ލަނޑުޖަހާފައިވެއެވެ. ބަޔާންގެ ހަތަރުވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ބަޔާންއަށް ލަނޑުތައް ޖަހާދީފައިވަނީ ލެވެންޑޯސްކީގެ އިތުރުން ކޯމަންއާއި ނަބްރީއެވެ. ނަބްރީވަނީ ރޭގެ މެޗުގައި ދެލަނޑު ޖަހާފައެވެ. ކޮލްންގެ ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނަޓްގައި ފެނިގެންދިޔައިރު، މިލަނޑު ޖަހާފައިވަނީ މާކް އުތުއެވެ.
ރޭގެ މޮޅާއެކު ބަޔާން އެނބުރި ބުންޑެސްލީގާގެ އެއްވަނައަށްވަނީ އަރާފައެވެ. 22 މެޗުން 46 ޕޮއިންޓް ބަޔާންއަށް ލިބޭއިރު ދެވަނާގައި ލެއިޕްޒިގް 45 އޮތީ ޕޮއިންޓާއެކުގައެވެ.



