ހޯފެންހާމްއިން ވަރުގަދަ ބަޔާން މިއުނިކް ބަލިކޮށްފިއެވެ.
ޖަރުމަން ބުންޑެސް ލީގާގައި ކުޅުނު މިމެޗުގައި ބަޔާންގެ މައްޗަށް ހޯފެންހާމްއިން ކުރި ހޯދާފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
ހޯފެންހާމްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ހޯފެންހާމްއިންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 36 ވަނަ މިނަޓްގައި ކިމިޗް ކާމިޔާބުކޮށްދިން ލަނޑާއެކު ބަޔާންއިން ފުރަތަމަ ހާފު ނިންމާލީ ފަރަގު ކުޑަކުރުމަށްފަހުގައެވެ.

ނަމަވެސް އެތަށް ބަޔަކު ޙައިރާންކޮށްލުމަށްފަހު ހޯފެންހާމްއިން މެޗުގެ ދެވަނަ ހާފުގައިވެސް އިތުރު ދެ ލަނޑު ޖަހައި ބަޔާންގެ މައްޗަށް ކުރި ހޯދާފައިވާއިރު، ހޯފެންހާމްގެ މިދެލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 77 ވަނަ މިނަޓާއި 92 ވަނަ މިނަޓްގައެވެ. މިދެލަނޑުވެސް ހޯފެންހާމްއަށް ކާމިޔާބުކޮށްދިނީ އެކްލަބުގެ ފޯވާޑު ކަރަމަރިޗެވެ.
މިރޭގެ މި މޮޅާއެކު ކުޅުނު ދެމެޗުންވެސް މޮޅުވެ ހޯފެންހާމްއޮތީ ތާވަލްގެ އެއްވަނާގައެވެ.
މެޗުގައި ބަޔާންއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅު ޕާސްތަކެއް ހަދާފައިވީނަމަވެސް، ހޯފެންހާމްއަށް ނުރައްކާވާކަހަލަ މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މިރޭ ކުޅުނު މިމެޗު ބަޔާންއިން ފައްޓާފައިވަނީ އެކްލަބުގެ އިތުބާރު ފޯވާޑު ލެވެންޑޯސްކީ ބެންޗުގައި ބަހައްޓައިގެންނެވެ.
ނިމުނު ސީޒަންގައި މޮޅު ކުޅުމެއް ދައްކައި ތިންތަށި އުފުލާލި ބަޔާންއިން މިސީޒަންގެ ބުންޑެސްލީގާ ފަށާފައިވަނީ 8-0 ގެ ނަތީޖާއަކުން ޝާލްކޭ ބަލިކުރުމަށް ފަހުގައެވެ.




