އައިޖީއެމް ހޮސްޕިޓަލް- ފޮޓޯ: ފެށުން

ދަރުމަވަންތަ ހޮސްޕިޓަލްގައި ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ރައީސް ޔާމީންގެ ސަރުކާރުން އިމާރާތްކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައި ޚިދުމަތް ދޭން ފަށައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ބަދަލުކުރީ އައިޖީއެމްއެޗުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓެވެ. މިދިޔަ މަހުގެ 30 އިން ފެށިގެން ފިޒިއޮތެރަޕީގެ ޚިދުމަތް ދެމުން އަންނަނީ އާ އިމާރާތުގެ ހަތަރު ވަނަ ފްލޯގައެވެ. އެހެން ބައެއް ޚިދުމަތްތައް ބަދަލު ކުރައްވާނެ ކަމަށް އައިޖީއެމްއެޗުގެ ތަރުޖަމާން، މުހައްމަދު މުފީދު ވިދާޅުވިއެވެ.

މި މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވަން ނިންމާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަށް ފުރަތަމަ ބަދަލުކުރާ ގޮތަށް އޮތީ، ފިޒިއޮތެރަޕީ ޑިޕާޓްމެންޓުގެ އިތުރުން އޯޕީޑީ އާއި އެކްސްރޭ އާއި ސްޕޯޓްސް ތެރަޕީ އާއި އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓެވެ. އެއީ، އާއްމުންނަށް އެންމެ ބޭނުންވާ ޚިދުމަތްތަކެވެ.

އެހެންކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާ އެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އެ އިމާރާތުގައެވެ.

ހިނގާ މަގަކުން، ދެ އިމާރާތް ގުޅުވާލާފައިވާއިރު، ދެ ތަނުން ވެސް ޚިދުމަތް ހޯދަން އުނދަގުލެއް ނުވާނެ އެވެ. އާ، އިމާރާތް ޑިޒައިން ކޮށްފައި ވަނީ، އައިޖީއެމްއެޗުގައި އިމަޖެންސީ ފަރުވާދޭ ޑިޕާމްޓްމަންޓުން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ.

ސިއްހީ ޚިދުމަތް ކުރިއަރުވައި ތަރައްގީ ކުރަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ރާއްޖޭގެ އެންމެ އަގު ބޮޑު އިމާރާތް، ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށް ޖޫން، 5، 2016 ގައި މަސައްކަތް ފެށީ ދެ އަހަރުން ނިންމުމަށެވެ. އެކަމަކު، އައިޖީއެމްއެޗުގެ އިމާރާތާ ގުޅުވާލާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ލަސްވީ ވަސީލަތްތައް ހޯދަން ހަވާލުކުރި ކުންފުނިތަކަށް ދިން ތާރީޚުތަކުގައި އެކަން ނުވެގެން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ތަރައްގީގެ ރަމްޒު ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ސިފަކުރާއިރު، ސަރުކާރު ކޯލިޝަނުން ދެކެނީ އެއީ، ކޮރަޕްޝަންގެ ބިނާއެއްގެ ގޮތުގަ އެވެ. މި މަޝްރޫއަށް 140 މިލިއަން ޑޮލަރު ހަރަދު ކުރާއިރު މިއީ، މިފަދަ ދެތިން އިމާރާތުގެ އަގު ކަމަށް އިމާރާތްކުރުމުގެ ދާއިރާގެ މީހުން ދެކެ އެވެ. އެއަށް ރައްދު ދީ، ޔާމީންގެ ސަރުކާރުން ބުނެފައި ވަނީ، މުހިއްމީ ހޮސްޕިޓަލް އަވަހަށް ނިންމައި ޚިދުމަތް ދިނުން ކަމަށެވެ.

އާ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލަކީ ކޮރަޕްޝަނުގެ ބިނާއެއްގެ ގޮތުގައި ސިފަކުރަމުން ދިއުމަކީ ދިވެހި ޞިއްޙީ ނިޒާމަށާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ރަނގަޅު ގޮތުގައި ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ނުދެކެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ