އަންނަ ސީޒަން (2020-21) ގެ ޗެމްޕިއަންސް ލީގަށް ލިވަޕޫލް މިހާރުވެ ކޮލިފައިވެއްޖެއެވެ.
ޕްރިމިއާ ލީގު ތާވަލްގެ އެއްވަނާގައި 76 ޕޮއިންޓާއެކު އޮތް ލިވަޕޫލް ލީގުގައި ބާކީ އޮތް ހުރިހާ މެޗަކުން ބަލިވި ނަމަވެސް ތާވަލްގެ ހަތަރު ވަނާގައި ހިފަހައްޓާލުމުގެ ފުރުޞަތު ލިވަޕޫލަށް އެބައޮތެވެ. ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ތާވަލްގެ ހަތަރު ވަނާގައި އޮތް ޗެލްސީއާއި ފަސް ވަނާގައި އޮތް ޓޮޓޭންހާމްއާއި ބައްދަލުކުރުހަމށް ހަމަޖެހިފައިވާއިރު، އެމެޗުން ޗެލްސީ ދަށްވެފައި، ބާކީ ހުރިހާ މެޗަކުން މޮޅުވެގެންވެސް ޗެލްސީއަށް ލިބޭނީ 74 ޕޮއިންޓެވެ. އެއީ ލިވަޕޫލް އަތުގައި މިހާރު އޮތް 76 ޕޮއިންޓަށްވުރެ މަދު އަދަދެކެވެ.
އަނެއްކޮޅުން ޗެލްސީއާއި ބައްދަލުކުރާ މެޗުން ޓޮޓޭންހާމް ދަށްވެފައި ބާކީ ހުރިހާ މެޗަކުން މޮޅުވިނަމަވެސް ސީޒަން ނިމޭއިރު ޖުމްލަ ލިބޭނީ 73 ޕޮއިންޓެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްވަނީ ވޭތުވެދިޔަ ދެސީޒަންގައިވެސް މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ.
އަނެއްކޮޅުން ބަލާއިރު، ޔޫރަޕުން މެންޗެސްޓާރ ސިޓީ ސަސްޕެންޑު ކޮށްފައިވާއިރު، މިހާރު އޮތް ގޮތުން ތާވަލްގެ ފަސްވަނައަށް ދާ ޓީމަށްވެސް ޗެމްޕިއަންސް ލީގަށް ދިއުމުގެ ފުރުޞަތުވަނީ ހުޅުވިފައެވެ.
ލިވަޕޫލުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކޮށްފައި މިވަނީ މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ކުޅެން ފެއްޓުމުގެ ކުރިންނެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ފެއްޓުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މިރޭ މިމުބާރާތުގެ ދެމެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއް މެޗުގައި އެތުލެޓިކޯ މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރާއިރު، އަނެއް މެޗުގައި ބައްދަލުކުރާނީ ޑޯޓުމުންޑާއި ޕީއެސްޖީއެވެ. މިދެމެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 01:00 ގައެވެ.




