ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރޭ ކުޅުނު މެޗުގައި ޒުވާން އާލިން ހާލަންޑު ކާމިޔާބުކޮށްދިން ދެ ލަނޑާއެކު، ބޮރޯސިއާ ޑޯޓުމުންޑުއިން ޕީއެސްޖީ ބަލިކޮށްފިއެވެ.
ދެޓީމުގެ ފަރާތުންވެސް ފޯރި ގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗު ޑޯޓުމުންޑްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި ނިމިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޑޯޓުމުންޑްއިންނެވެ. 69 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ހާލަންޑް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލީޑުގައި ޑޯޓުމުންޑަށް މާގިނައިރު ހިފަހައްޓާލެވޭގޮތް ވެފައެއް ނުވެއެވެ. މެޗުގެ 75 ވަނަ މިނަޓްގައި ނޭމާ ކާމިޔާބުކޮށްދިން ލަނޑާއެކު ޕީއެސްޖީއިން ނަތީޖާ ހަމަހަމަކުރިއެވެ، އެމްބާޕޭ ބުރަ މަސައްކަތުން ދެޑިފެންޑަރުން ކަޓުވާލުމަށްފަހު ހުރަސްކޮށްދިން ބޯޅައިން ނޭމާ މިލަނޑު ކާމިޔާބުކޮށްދިންނަމަވެސް އޭގެ ދެމިނަޓްފަހުން އަނެއްކާވެސް ޑޯޓުމުންޑަށް ލީޑު ނަގައިދިނީ އުމުރުން 19 އަހަރުގެ ހާލަންޑެވެ. ރޭނާ ދިން ޕާހަކުން ހާލަންޑު މިލަނޑު ކާމިޔާބުކުރީ ޑީ އޭރިޔާތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މިއަހަރުގެ ޖެނުއަރީ މަހު ޑޯޓުމުންޑާއި ގުޅުނު ފަހުން ރެކޯޑަކަށް ފަހަރު ރެކޯޑެއް މުގުރަމުން އަންނަ ހާލަންޑު ރޭގެ މެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު، ޑޯޓުމުންޑަށް އޭނާ މިހާތަނަށް ކުޅެދިން 7 މެޗުން 11 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. ޔޫރަޕުގެ ގަދަ ފަސް ލީގުގައި މިހާ މަދު މެޗުން މިވަރަށް ލަނޑު ޖަހާފައިވާ އިތުރު ކުޅުންތެރިއަކު ނުވެއެވެ.
އޭގެ އިތުރުން "ޓީން އޭޖު" ގައި ޗެމްޕިއަންސް ލީގު 10 ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށްވެސް ހާލަންޑުވަނީ ވެގެން ގޮސްފައެވެ.
މިމެޗުގެ ދެވަނަ ލެގު އަންނަ މަހުގެ 11 ދުވަހުގެ ރޭ ކުޅޭނީ ޕީއެސްޖީ ގައެވެ.



