ޔޫސީއެލް - އެތުލެޓިކޯއިން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފިއެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޖެހި ނެގި ލީޑާއެކު އެތުލެޓިކޯއިން ރޭގެ މެޗުން މޮޅުވި އިރު، މެޗުގެ 4 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ސައުލްއެވެ. އެއާކު ޗެމްޕިއަންސް ލީގުގައި އަތުލެޓިކޯއަށް 10 ލަނޑު ކާމިޔާބުކޮށްދިން ދެވަނަ ކުޅުންތެރިޔާއަށް ސައުލްވަނީ ވެގެން ގޮސްފައެވެ. ކުރިން އެތުލެޓިކޯއަށް ކުޅުނު އެންޓޮއިން ގްރިޒްމަން އެކްލަބަށް 21 ޗެމްޕިއަންސް ލީގު ގޯލް ކާމިޔާބުކޮށްދީފައިވެއެވެ.

ލިވަޕޫލްއިން ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅު ޕާސްތަކަކާއެކު ކުޅުނު ނަމަވެސް މެޗު ނިމުނުއިރު، އެތުލެޓިކޯ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވޭގޮތްވަނީ ނުވެފައެވެ. އެހެންނަމަވެސް ސަލާޙް ބޮލުން ފޮނުވާލި ހަމަލާއާއި، އޭރިއާތެރެއިން ހެންޑާސަން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.

މިއީ ކްލޮޕުގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅުނު 251 މެޗުގެ ތެރެއިން އިދިކޮޅު ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވި ލިވަޕޫލުން ނިންމާލި ދެވަނަ މެޗެވެ.

އަނެއްކޮޅުން ސިމިއޯނީގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގު ނޮކްއައުޓް ސްޓޭޖުގައި އެތުލެޓިކޯ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 13 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. އޭގެތެރެއިން 9 މެޗުން އެތުލެޓިކޯ މޮޅުވިއިރު، 4 މެޗުންވަނީ އެއްވަރުވެފައެވެ. އަދި 11 މެޗު އެތުލެޓިކޯ ކޮޅަށް ލަނޑެއް ވައްދާނުލައި ނިންމާލާފައިވެއެވެ.

ޑިފެންސް ކުރުމުގައި އަބަދުވެސް މަޝްހޫރު އެތުލެޓިކޯއިން ރޭވެސްވަނީ އެމީހުންނަކީ މިފަދަ މެޗުތަކަށް ކިހާ ފަރިތަ ބައެއްކަން ހާމަކޮށްފައެވެ. އެތުލެޓިކޯގެ ދުވަސްވީ ޑިފެންޑަރުންކަމަށްވާ ޖޮފްރިންއާއި ގޮޑިންގެ އިތުރުން ފިލިޕޭ ލުއީސް ކްލަބު ދޫކޮށް ދިއުމާއި ގުޅިގެން އަލުން ޑިފެންސް އާރާސްތު ކުރަން ޖެހިފައިވާ ސިމިއޯނީގެ ޓީމުގެ ފަރާތުން ރޭގެ މެޗުގައި ދެއްކި މޮޅު ކުޅުމަކީ ރަނގަޅު ފާލެއްކަން ކަށަވަރެވެ.

މިސީޒަންގައި ލިވަޕޫލް މިހާތަނަށް ދަށްވެފައިވަނީ އެންމެ ތިން މެޗުންނެވެ. އޭގެތެރެއިން ދެ މެޗަކީ ޗެމްޕިއަންސް ލީގު ދެ މެޗެވެ. ޗެމްޕިއަންސް ލީގުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 2-0 ގެ ނަތީޖާއަކުން ނަޕޯލީ އަތުން ލިވަޕޫލް ދަށްވެފައިވާއިރު، އީއެފްއެލް ކަޕްގައި 5-0 ގެ ނަތީޖާއަކުން އެސްޓަންވިލާ އަތުން ބަލިވެފައިވެއެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުއެވެ.

މިމެޗުގެ ދެވަނަ ލެގު އެންފީލްޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 11 ވަނަ ދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ