2020 ފެބްރުއަރީ 15 ވަނަ ދުވަހުގެ 10:20 އެހައިކަންހާއިރު، ހައިވޭއިން ހުޅުމާލެއަށް އަރަން އޮންނަ ހިސާބުގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ފުލުހުން ބަލަންފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓްގައި އަންހެނަކަށް އަނިޔާވިއެވެ. މިއަންހެންމީހާގެ ފްރެކްޗާތަކެއް ހުރިނަމަވެސް، ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތުލިބެއެވެ.



