ޔޫސީއެލް - ވެލެންސިއާ ބަލިކޮށް އެޓަލާންޓާއިން ކުއާޓާރ ފައިނަލާ ގާތަށް

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގައި ރޭ ވެލެންސިއާ ބަލިކޮށް އިޓަލީގެ އެޓަލާންޓާއިން ކުއާޓާރ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ޗެމްޕިއަންސް ލީގު ކުޅޭ ފެންވަރުގެ އަމިއްލަ ދަނޑެއް ނެތުމުގެ ސަބަބުން ރޭ ހޯމުގައި އެޓަލާންޓާ ކުޅުނު މެޗު ކުޅެފައިވަނީ ސެންސީރޯގައެވެ. ފޯރިގަދަ ކުޅެމެއް ފެނިގެންދިޔަ މިމެޗު އެޓަލާންޓާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުމާއެކު އެޓަލާންޓާއިން މެޗު ކޮންޓްރޯލް ހޯދިއެވެ. އަދި ވެލެންސިއާގެ ގޯލަށް ނުރައްކާކުރަމުންދިޔައެވެ. އެގޮތުން ލަނޑު ޖަހާނެ ހުސްފުރުޞަތެއް މެޗުގެ ވަރަށް ކުރީކޮޅު ލިބުނުއިރު، އޭރިއާތެރޭ ހުހަށްހުރެ ޕަސަލިޗް ފޮނުވާލި ހަމަލާ ދިފާޢުކުރީ ވެލެންސިއާގެ ކީޕަރު ޑޮމެނެޗްއެވެ.

އެހެންނަމަވެސް ހިތްވަރާއެކު އެޓަލަންޓާއިން ދައްކަމުންދިޔަ މޮޅުކުޅުމާއެކު މެޗުގެ ފުރަތަމަ ހާފު ނިންމާލީ ދެލަނޑުގެ ލީޑަކުންކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެއްޓުމާއެކު އެޓަލަންޓާއިން ލީޑު އިތުރަށް ފުޅާކުރީ ފްރޭލާގެ ހިތްގައިމު ލަނޑަކުންނެވެ. އޭރިއާ ރޮނގުމަތީ ހުރެ ބަނާނާއަކުން ގޯލްގެ ދުރުކަނަށް ފްރޭލާ ފޮނުވާލި މިހަމަލާއަށް ވެލެންސިއާގެ ކީޕަރު ޑޮމެނެޗް ހުރީ ހަދާނެ އިތުރު ގޮތެއް ނެތުމުން ގޯލްގެތެރެއަށް ބޯޅަ ވަންނަތަން ބަލަންށެވެ.

އޭގެ ފަސް މިނަޓްފަހުން އެޓްލަންޓާއިން މެޗު ޔަޤީންކޮށްފައިވާއިރު، 62 ވަނަ މިނަޓްގައި ފެނިގެންދިޔަ އެޓަލާންޓާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސްޖެހި ހަޓެބޯއެވެ.

މިއީ އެޓަލާންޓާގެ ފުރަތަމަ ޗެމްޕިއަންސް ލީގެވެ. އެޓަލާންޓާއިން މުބާރާތުގައި މިހާތަނަށް 12 ލަނޑު ޖަހާފައިވާއިރު، މި 12 ލަނޑު ޖަހާފައިވަނީ ތަފާތު 10 ކުޅުންތެރިންނެވެ. މިމެޗުގެ ދެވަނަ ލެގު ވެލެންސިއާގައި ކުޅޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.

ރޭ ކުޅެވުނު މިމުބާރާތުގެ އަނެއް މެޗުގައި ޓޮޓޭންހާމްއާި ލެއިޕްޒެގް ބައްދަލުކޮށްފައިވާއިރު، ޓޮޓޭންހާމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ 0-1 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ ލެއިޕްޒެގެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ޓީމޯ ވާނާ ކާމިޔާބުކޮށްދިނީ މެޗުގެ 58 ވަނަ މިނަޓްގައެވެ. މިމެޗުގެ ދެވަނަ ލެގު ރެޑްބުލް އެރީނާ ސްޓޭޑިއަމްގައި ކުޅޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ