އާ މަޖިލީހުގެ ހުވާ އަންނަ މަހުގެ ފަހުކޮޅު ކުރުމަށް ހަމަޖެހިފައިވާއިރު އާ މަޖިލީހުން ކުރާނެ ފުރަތަމަ ވެސް ކަމަކީ އިތުބާރު ގެއްލިފައިވާ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ކަމަށް، ކާށިދޫ ދާއިރާއަށް އިންތިޚާބުވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، ރާއްޖެ ޓީވީ ގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ހެނދުނު ބައިވެރިވެވަޑައިގެން، ކޯލިޝަންގެ ބައެއް ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެބޭފުޅުން ފެއިލް ވެފައިވާ ކަމަށް ވިދާޅުވެއެވެ.
ބެލެވޭ ގޮތުގައި ޖާބިރު އިޝާރާތް ކުރެއްވީ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ވަޒީރުންނަށް ކަމަށް ބެލެވެއެވެ. ނަމަވެސް ކޯލިޝަނުން އެފަދަ އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޖާބިރު އިތުރަށް ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބު ވިޔަސް އޭނާއަކީ އެމްޑީޕީ މީހެއް ކަމަށެވެ."
"އަޅުގަނޑަކީ އެމްޑީޕީ މީހެއް، އަޅުގަނޑު މަސައްކަތް ކުރާނީ އެމްޑީޕީ ޕީޖީ ގްރޫޕާ އެކީ. އަޅުގަނޑު އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަން ޖެހުނީ އެމްޑީޕީ ކެންޑިޑޭޓެއް ހުރުމުން. ވާދަކުރުމަކީ އަޅުގަނޑުގެ ހައްގެއް އެހެން ނަމަވެސް އަޅުގަނޑަކީ އެމްޑީޕީ މީހެއް،" ޖާބިރު ވިދާޅުވިއެވެ.